ގާނޫނު އަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ދީދީ މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށް ތާއީދުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ނުލިބިއްޖެނަމަ ދެވަނަ ބުރެއް ބާއްވަންޖެހޭނެ ކަމަށް ކަނޑައަޅައި ބަޔާން ކޮށްފައިވަނީ ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގެ ޞަރީޙަ ޢިބާރާތުގައި، ޤާނޫނުއަސާސީގައި އިންތިޚާބީ ނިޒާމެއް ކަނޑައެޅިއްޖެއްޔާ އެވެގެންދާނީ ޤާނޫނުއަސާސީގެ "ބޭސިކް ފީޗާސް"ގެ ތެރޭގައި ހިމެނިގެންވާ އަސާސީ ސިިފަޔަކަށް ކަމަށެވެ.
އެކަން ކަށަވަރުވަނީ 2008 ގެ ޤާނޫނުއަސާސީ އެކުލަވާލި ޚާއްޞަ މަޖިލިހުން އެކަން ޤާނޫނަކުން ކަނޑައަޅަން ދޫކޮށް ނުލައި ސީދާ ޤާނޫނުއަސާސީގައި އިންތިޚާބީ ނިޒާމު ކަނޑައެޅުމުން ކަމަށް ދީދީ ވިދާޅުވި އެވެ.
"ކަން މިހެން އޮތްއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ފަދަ ލިޔެވިފައިވާ "ސެމީ ރިޖިޑް" ޤާނޫނުއަސާސީއަކީ އެންމެ ފަރުދެއްގެ، އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، އޭނަގެ އަމިއްލަ މަޞްލަޙަތު ޙިމާޔަތް ކުރުމުގެ ނިޔަތުގައި ކުޅޭކުޅޭ އެއްޗަކަށް ހަދައި އާދައިގެ ޤާނޫނަކަށް ނުވަތަ ޤަވާޢިދަކަށް ނުވަތަ އުޞޫލަކަށް ބަދަލުގެންނަ މޭރުމުން ބަދަލުކުރެވޭ އެއްޗަކަށް ވެގެން ނުވާނެ،" ދީދީ ވިދާޅުވި އެވެ.
ދީދީ ވަނީ މިފަދަ ކަމެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރުދިނުމަކީ ބާރާއި އިޚުތިޔާރު ބޭނުންކުރުމުގައި ތަޢައްޞުފު ވުން ކަމަށާއި އެއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ ދެވަނަ ބުރަކަށް ދާ ހާލަތުގައި އިހުތިޔާރު ކުރާނެ ފަރާތެއް ފުރަތަމަ ބުރުގައި ކަނޑައެޅޭ ގޮތް ހެދުން މާ މުހިއްމު ކަމަށާއި ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންތައް އުވާލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"މާނައަކީ އެއް ބުރުން ނިމޭނެއޭ. އެއް ބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް، އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެޓާނީ ޖެނެރަލްއާ ހަވާލުކޮށްގެން އެކަމުގެ ދިރާސާ މިހާރު ކުރަމުން އަންނަ ކަމަށާއި އެއީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ކަމަށްވާނަމަ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށެވެ. ރައްޔިތުން އެކަމަށް އެދޭނަމަ އަންނަ ރިޔާސީ އިންތިހާބުން ފެށިގެން އެއަށް އަމަލުކުރާނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރިޔާސީ އިންތިހާބު އެއް ބުރުން ބޭއްވުމުން ހަރަދު ވެސް ބޮޑުތަނުން ކުޑަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ގާނޫނު އަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ