އައިޔޫއެމްގެ އާ އިމާރާތެއް އަޅަން ހުޅުމާލެއިން ބިން ހަމަޖައްސައިފި އައިޔޫއެމްގެ އާ އިމާރާތެއް އަޅަން ހުޅުމާލެއިން ބިން ހަމަޖައްސައިފި

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ އިމާރާތެއް އެޅުމަށް ހުޅުމާލެއިން ބޮޑު ބިމެއް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އައިޔޫއެމް ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އެ ޔުނިވާސިޓީގެ ކުރިމަގު ހެޔޮ ގޮތުގައި ބައްޓަން ކުރައްވާނެ ކަމަށެވެ. އެގޮތުން އައިޔޫއެމްގެ އިމާރާތެއް އަޅައި އެތަނުގައި އެ ޔުނިވާސިޓީގެ ކުރިމަގު ބައްޓަން ކޮށްދިނުމަކީ އެމަނިކުފާނުގެ އަޒުމް ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ހުޅުމާލޭން ބޮޑު ބިމެއް ހަމަޖައްސައިދީ، އެތަނުގައި އިސްލާމިކް ޔުނިވާސިޓީގެ ކުރިމަގު ފުރިހަމަ ގޮތުގައި ބައްޓަންކޮށް ދިނުމަކީ އަޅުގަނޑުގެ އަޒުމް. އެ ބިމުގެ ކަންތައްތައް އެ ވަނީ މިހާރު ހަމަޖެހިގެން ގޮސްފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމައި މި ޔުނިވާސިޓީގެ، މު މުއައްސަސާގެ ކުރިމަަގަށް ޓަކައި ޖާގައިގެ ގޮތުންނާއި ވަސީލަތުގެ ގޮތުން ކޮށްދޭން ޖެހޭ ކަންކަން އަޅުގަނޑުމެން އުފަލާއެކީ ކޮށްދޭނަން،"
ރައީސް ވިދާޅުވީ އޭގެ އިތުރުން ވެސް އައިޔޫއެމް ވަރުގަދަ ކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރައްވާނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކޮށްފައި ހުންނާނީ އެ ވިސްނުމުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިސާލު ދައްކަވަމުން ރައީސް ވިދާޅުވީ މިފަހުން ސުކޫކު ވިއްކައިގެން ބިންގާ އެޅި އިސްލާމިކް ޔުނިވާސިޓީގެ އިމާރާތުގެ މަސައްކަތް ވެސް ފެށިގެން އެ ދިޔައީ ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައި އޮތް ގޮތުން ކަމަށެވެ.
"އިހަކަށް ދުވަހަކު ބިންގާ އެޅިގެން ދިޔަ، ސުކޫކު ވިއްކައިގެން ބީއެމްއެލްއާ އެކީގައި އިސްލާމިކް ޔުނިވާސިޓީން އެ ފެށި އިމާރާތަކީ ވެސް އަޅުގަނޑުމެންގެ ސިޔާސަތު އެގޮތަށް ބައްޓަންކޮށްފައި އޮތުމުން މަގުފަހިވެގެން ދިޔަ ކަމެއް،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ވާހަކައިގައި ރައީސް ވަނީ ގައުމުގެ ކަންކަން އިސްލާހު ކުރުމަށް އިލްމު ލިބިފައިވާ މީހުން މަސައްކަތް ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އިލްމު ލިބިފައިވާ މީހުން، އަމިއްލަ އަތުން ކަންކަން އިސްލާހު ކުރުމުގެ ވިސްނުން ނުގެންގުޅޭ ނަމަ ގައުމުގެ ކަންކަން އިސްލާހު ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ