މި ވަގުތު ރާއްޖޭގައި ހިނގަމުންދަނީ ޣައިރު ގާނޫނީ ދައުލަތެއް: ފައްޔާޒު
މިހާރު ރާއްޖޭގައި ހިނގަމުން މި ދަނީ ގާނޫނީ ތަރަހައިން ބޭރުވެފައިވާ ޣައިރު ގާނޫނީ ދައުލަތެއްކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ވެސް މިއީ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ މާޒީއެއް އޮތް ބައެއްކަން އެނގޭ ކަމަށެވެ. ރާއްޖޭގެ ގާނޫނުއަސާސީ އާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން މަސައްކަތް ކޮށްފައި އޮތް ނަމަވެސް، މިއަދު ގާނޫނުއަސާސީ ފުނޑާލައި، ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމު ޕީއެންސީން ޚަރާބުކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. https://x.com/faya_i/status/1894760799849099550 "ކުރިއަށް އޮތީ ދަތި، އުނދަގޫ، ކަޅު ދުވަސްތަކެއް. މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ޣައިރު ގާނޫނީ ދައުލަތެއް، ވަކިން ޚާއްސަކޮށް މުޅި ވެރިިކަމުގެ ނިޒާމު ފުނޑާލި މުއިއްޒުގެ ސަރުކާރަކީ ގާނޫނީ ތަރަހައިން ބޭރުވެފައިވާ ޣައިރު ގާނޫނީ ސަރުކާރެއް. ރައްޔިތުންނަށް އެ މީހުންގެ ބާރުވެރިކަން ކަށަވަރު ކުރެވޭނެ ނިޒާމީ އިންތިޒާމުތައް މި ޣައިރު ގާނޫނީ ސަރުކާރުން ފުނޑުފުނޑުކޮށްފި" ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް ދެން އޮތް ގޮތަކީ މި ސަރުކާރުން މުޅި ވެރިކަމުގެ ނިޒާމު "ހައިޖެކް" ކުރުމަށް ކޮށްފައިވާ ކަންކަމާ މެދު މެދުކެނޑުމެއްނެތި އިހުތިޖާޖުކޮށް އަޑުއުފުލުން ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ތަނުގައި ރައްޔިތުންގެ ބާރުވެރިކަން އަލުން އިއާދަ ކުރުމަށް ޓަކައި، އެމްޑީޕީން ސިލްސިލާ ހަރަކާތްތައް ހިންގާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކާއި، މަދަނީ ޖަމިއްޔާތަކާއި، ޑިމޮކްރަސީގެ ދިފާއުގައި މަސައްކަތް ކުރައްވާ އެންމެހާ ފަރުދުންނަށް ފައްޔާޒު ވަނީ ދައުވަތު ދެއްވައިފައެވެ. ފައްޔާޒް މިފަދައިން ވިދާޅުވެފައި ވާއިރު، މިއަދު ހެނދުނު ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ސަސްޕެންޑުކޮށްފައެވެ. ސަސްޕެނޑު ކޮށްފައި ވަނީ: ހުސްނުއްސުއޫދު މަހާޒު އަލީ ޒާހިރު ޑރ. އަޒްމިރަލްދާ ޒާހިރު އެ ތިން ފަނޑިޔާރުންގެ ސަސްޕެންޝަނާ ގުޅިގެން ޖޭއެސްސީން ބުނީ އެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖޭއެސްސީއަށް ސިޓީއަކުން އަންގައިފައިވާ ކަމަށެވެ. އެހެންވެ އެ ފަނޑިޔާރުން ވަގުތީ ގޮތުން މަސައްކަތުން އެކަހެރި ކުރަން ނިންމީ މިއަދު އޮތް ޖޭއެސްސީގެ ބައްދަލުވުމުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. https://sun.mv/203074 މިއަދު ހެނދުނު 10:00 ގައި ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައެވެ. ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ. މިދިޔަ ޑިސެންބަރު 10ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އެ ޕާޓީގެ ސިޔާސީ ހަަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށްގެން އިހުތިޖާޖުތައް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ. އަދި އެ ކަމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން، ރައްޔިތުން ބައިވެރި ކުރުމަށް އެ ޕާޓީންވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ