މިތުރާ ގަޔާވެލީ... 04
"ސްޓޯރ ރޫމްގަ ހުންނާނެ ފައިލުތައް... ބޭނުންވާ މައުލޫމާތު ގޮސް އަމިއްލައަށް ހޯދާ.." ނިޝްރީން ހުރީ ފޫހިވެފައެވެ. ނިޝްރީން ދިން ތަޅުދަނޑިން ދޮރު ހުޅުވާލުމުން ކީ ކުރަކި އަޑެކެވެ. ******** އެއިން ދުވަހަކު އެތަން ހުޅުވާފައިވާކަމުގެ ނިޝާނެއް ނެތެވެ. ސްވިޗު ޖެއްސުމުން، ދެތިން ފަހަރަކު ފިޔަ ޖަހާލާފައި، ބޮތްކެއް ދިއްލުނެވެ. ބޮކީގެ އޮރެންޖު އަލިން ތަންދޮރު ވަކިވާވަރު ވިއެވެ. ކުޑަ ގުދަނެއް ކަހަލަ އެތަނުގައި ފަންކާއެއް އޭސީއެއް ނެތެވެ. ދޮރު ކައިރިން އެއްފަރާތުގައި ކުޑަ މޭޒަކާއި ގޮނޑިއެއް ހުއްޓެވެ. މޭޒުމައްޗަށް އަލިކުރުމަށް ލޭމްޕެއް ބަހައްޓާފައިވާއިރު، އޭގެ ކައިރީގައި ފޮތަކާއި ގަލަމެއް އޮތެވެ. ގިނަ ދުވަސްވީ ފޮތެއްކަން ފޮތުގެ ބޭރުފުށަށް ބަލައިލުމުންވެސް އެނގޭހައިވެއެވެ. ތަނުގެ ވަށައިގެން ފައިލުތައް ބަހައްޓާފައިވާ ކަބަޑުތައް ހުއްޓެވެ. ފައިލުތައް ގިނަކަމުން، ފަށާނެ ކޮޅެއް ނޭނގިފައި ރޫބީއަށް އިރުކޮޅަކު ހުރެވުނެވެ. ރޫބީ ހީކުރިގޮތާއި ހިލާފަށް ފައިލުތައް ހުރީ އަހަރު ވަކީން އެނގޭނޭހެން ތަރުތީބުކޮށްފައެވެ. މޭޒުމަތީގައި އޮތް ފޮތުން އެ މައުލޫމާތު އެނގެން އޮތެވެ. "މުޅީންވެސް މިހުރީ ހަ އަހަރު ކުރީގެ ފައިލު.." ފައިލުތައް ހިރަފުސްކަމުން ރޫބީއަށް ފުލުފުލުގައި ކިނބިހި އެޅެން ފެށިއެވެ. ބޭނުންވި ފައިލުތައް ހިފައިގެން ރޫބީ ގޮސް މޭޒުކައިރީގައި އިށީނެވެ. ލޭމްޕް ދިއްލިއެވެ. ފައިލުތަކުން ލިބުނު މައުލޫމާތުތައް ނޯޓުފޮތުގައި ލިޔަމުންދިޔައިރު، ރޫބީގެ މޫނުން ފެންނަމުންދިޔައީ ޝައުގުވެރިކަމެވެ. ހޫނުގަދަކަމުން ދާހިއްލާ ފޯވި ނަމަވެސް، ރޫބީ އޭނާގެ މަސައްކަތް ހުއްޓައެއް ނުލައެވެ. "ކޮމްޕްގަވެސް ޑޭޓާ ހުންނާނެއެއްނު..." މިޔާދާ ހީހީފައި ރޫބީ ގުދަނުގައި އުޅެނިކޮށް ނެގި ވީޑިޔޯ އެންމެންނަށް ފޮނުވައިލިއެވެ. "އޭނަ މޮޔަތަ ގުދަނަށް ގޮސް ފައިލުތައް ހާވަން އިންނަން.. އެތަނަށް މީހަކު ނުވަންނަތާވެސް އަހަރެއް ވެދާނެ..." "އެއްޗެއް ވިސްނޭނެއެއްނު..." ނަޖުމާވެސް މިޔާދާއާއި ބައިވެރިވެލިއެވެ. "އަޅެ، އަހަރެން މިއައީ ދޮރު ޖަހާފަ.. ކިހިނެއް އިނގޭނީ އެތެރޭގަ މީހަކު ހުރިކަމެއް" ވިރުދާގެ މޫނުން ފެނުނީ ހާސްކަމެވެ. "އެއީ އެތެރޭން ނުހުޅުވޭ ދޮރެއްދޯ؟ އޭނަ ފެއިންޓްވެއްޖެއްޔާ ކިހިނެއް ހަދާނީ؟ އެބަ އަންނަން ހުޅުވާފަ.." "ފެއިންޓްވެއްޖެއްޔާ، މޫނަށް ފެންޖަހާނީނު..." މިޔާދާ ކުރިއަށްވުރެ ބާރަށް ހީގަތެވެ. "އަދި ބަހައްޓަބަލަ..." ބައްދަލުވުން ނިންމާފައި އައިގޮތަށް މިފްޒާލް ފެށީ ރޫބީގެ ވާހަކައެވެ. މިފްޒާލްއެކޭ އެއްވަރަށް ރޫބީގެ ހުނަރުވެރިކަން ފެނި އިކާންވެސް އިނީ އަޖައިބުވެފައެވެ. "އަހަރެންގެ ޗޮއިސް ރަނގަޅުދޯ؟" މިފްޒާލް ގިރުވާން ކޮޅަށް ޖެހިއެވެ. "އަނގައިން މޮޅު ވާހަކަ ދެއްކިދާނެ ކޮންމެ މީހަކަށްވެސް..." އިކާން ވާހަކަދެއްކީ ހިތާއި ދެކޮޅަށެވެ. ހަގީގަތުގައި އިކާންގެ ހިތުން ރޫބީގެ ހުނަރުވެރިކަމަށް ތައުރީފު ކުރެވުނެވެ. އެކަން މިފްޒާލަށް ދައްކަން އޭނާ ބޭނުން ނުވީއެވެ. "ބަލަމާ!" މިފްޒާލް ބުނެލިއެވެ. ******** އިބާ ދިން ކަރުދާސްކޮޅަށް ބަލަން ހުރި ފަލާހާ ހާސްވެފައި، ނާޝިޒްގެ މޫނަށް ބަލައިލިއެވެ. މަންމަގެ މޫނަށް ވެރިވި އަސަރުތަކުން، އިބާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. "ފަލާމެން މާ އަވަހަށް ކަންކަމާ ހާސްވަނީއޭ" ނާޝިޒު ފަލާހާގެ އަތުން ކަރުދާސްކޮޅު އަތުލިއެވެ. އަކަތަކެއް ކުރަހާ، އަރަބި އަކުރުތަކެއް ލިޔެފައިވާ އެ ކަރުދާސްކޮޅުގައި ރަތް އަކުރުން އިކާންގެ ނަން ލިޔެފައި އޮތެވެ. އެ ބަލައިފި ކޮންމެ މީހަކަށް އެއީ ސިހުރުގެ ކަމެއްކަން އެނގޭ ވަރަށް އަކުރުތައް ލިޔެފައި ހުއްޓެވެ. "ތީ ސިހުރު... ނާޝިޒް ގަބޫލުނުކުރިޔަސް ތީ ސިހުރު..." ފަލާހާ ޔަގީންކަމާއި އެކުގައި ބުނެލިއެވެ. "ބޭނުންވިގޮތަށް ކަންތައް ނުވީމަ، މިހާރު އެދިމާކުރީ އެހެން ގޮތަކުން އިކާންގެ ދުވަސް ދުއްވާލަން..." "ފަލާ ހާސްނުވެބަލަ... މިހާރު މީހުން ބިރުގަންނުވަންވެސް މިކަހަލަ ޒާތުގެ ކަންކަން ކޮށްއުޅެއޭ... ވެދާނެ މީ މީހަކު ޖެއްސުމަކަށް ކުރި ކަމެއް ކަމަށްވެސް..." ނާޝިޒް ކަރުދާސްކޮޅު ބޮނޑިކޮށްލާފައި ޖީބަށް ލިއެވެ. "ނާޝިޒް މިފަހަރު ފަރުވާކުޑަކޮށްގެން ނުވާނެ!" ފަލާހާ އަމުރުކުރިއެވެ. "ކުރިންވެސް ކިރިޔާ ސަލާމަތްވެފަ ހުރި ކުއްޖެކޭ އިކާންއަކީ.. އެމީހުން އެރޭ ނުދިޔަނަމަ އަހަރެންގެ އިކާން ސަލާމަތެއްނުވީސް..." "އޭނ؟ ދޮންބެއަށް ކިހިނެއްވީ؟" އިބާ ހާސްވިއެވެ. އިކާން ކުޑައިރު ދިމާވި ހާދިސާ އޮތީ އިބާއަށް ސިއްރުކޮށްފައެވެ. އިކާން ކުޑައިރު، ކަމެއް ދިމާވިކަން އެނގުނު ނަމަވެސް، ކިހާ ވަރެއްގެ ކަމެއްކަމަށް އިބާއަކަށް ނޭނގެއެވެ. ފަލާހާވެސް، ނާޝިޒްވެސް އިބާގެ ސުވާލަށް ޖަވާބެއް ނުދިނެވެ. ފަލާހާ ކުށްވެރިކުރާފަދަ ނަޒަރަކުން ނާޝިޒް ބަލައިލިތަން އިބާއަށް ރީތިކޮށް ފެނުނެވެ. ބުނަންނުވާވަރުގެ އެއްޗެއް ބުނުމުން، ނާޝިޒް ނުރުހުނީކަން އިބާގެ ޅަ ސިކުނޑި އޭނާއަށް ވިސްނައިދިނެވެ. "ފަލާ ހަމަޖެހިބަލަ!" ނާޝިޒް އުޅުނީ ފަލާހާ ހުއްޓުވާށެވެ. އޭގެ ކުރިން ފަލާހާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އަލަމާރި ހުޅުވައިލިއެވެ. އެނބުރި އައިއިރު އަތުގައި ކަރުދާސްކޮޅެއް އޮތެވެ. ގިނަދުވަސްވުމުގެ ސަބަބުން ކަރުދާހުގެ ކުލަ ވަނީ ރަތްވާން ފަށާފައެވެ. ކަރުދާސްކޮޅު ހުޅުވާފައި ފަލާހާ ދެއްކީ، އޭގައިވާ ކުރެހުމެވެ. އިބާ ދިން ކަރުދާސްގަނޑުގައިވާ ކުރެހުމާއި ދާދި އެއްގޮތް އެ ކުރެހުމުގައިވެސް ރަތް އަކުރުން އިކާންގެ ނަން ލިޔެފައި އޮތެވެ. "މީ އިކާންގެ ވިހިވަނަ އުފަންދުވަހު މިގޭ ލިފްޓްގަ އޮތް އެއްޗެއް..." ފަލާހާ ތަފްސީލް ދިނެވެ. އިބާ ހާސްވެގެން ނާޝިޒްގެ މޫނަށް ބަލައިލިއެވެ. ނާޝިޒްގެ މޫނުންވެސް ހާސްކަން ފެނިގެން ދިޔައެވެ. "ފަލާ ކީއްވެ ކުރިން ތިވާހަކަ ނުބުނީ؟" ޝަކުވާގެ ރާގަކަށް ނާޝިޒަށް އަހައިލެވުނެވެ. "އަހަރެން ހީކުރީ މީހަކު ސަމާސާއަށް ކުރި ކަމެއް ކަމަށް..." ފަލާހާ ދޫކޮށްލީ ފުން ނޭވާއެކެވެ. "މިކަހަލަ އެއްޗެއް ގޭގަ ބާއްވައިގެންތަ ފަލާ މިއޮއް ހުރިހާ ދުވަހު ތި އުޅުނީ؟" ނާޝިޒް ކަރުދާސްކޮޅު އަތުލިއެވެ. އަނެއްކާވެސް ބޮނޑިކޮށްލާފައި ޖީބަށް ލިއެވެ. "ހީއެއްގެ މައްޗަށް އެންމެން ހާސްކުރަން ބޭނުންނުވާތީ އަހަރެން މިކަން ސިއްރުކުރީ..." އަމިއްލަ ނަފުސު ކުށްވެރިކުރެވުނުވަރުން ފަލާހާއަށް ކޮޅަށް ހުރުމަށް އުނދަގޫވިއެވެ. "އެކަމަކު، ތީ ސިއްރު ކުރާ ކަހަލަ ކަންކަމެއް ނޫނޭ ފަލާ... އޭރު ބުނިނަމަ، ކޮންމެވެސް ގޮތަކުން އެމީހަކު ހޯދުނީސް... އޭރުވެސް މިގޭ ލިފްޓަކަށް ކޮންމެކޮންމެ މީހަކަށް ނުވަދެވޭނެ..." ނާޝިޒް ފުންކޮށް ވިސްނައިލިއެވެ. "ޕާޓީއަށް ދައުވަތު ދިން މީހުންގެ ތެރޭން މީހެއްގެ ކަމެއް ތީ... އިބާ އަތުގަ އެ ވީޑިޔޯތައް އެބަހުރިތަ؟" "ހުންނާނެ ޕެންއެއްގަ..." އިބާ ބުނެލިއެވެ. އިކާންގެ އުމުރުން ވިހި އަހަރުވީފަހުން، ގޭގައި އުފަންދުވަސް ފާހަގަކުރުން ހުއްޓުނެވެ. ވިހި އަހަރު ވަންދެން އިކާންއަށް އުފަންދުވަސް ފާހަގަކޮށްދީފައި، އިބާއަށް ނުކޮށްދިނުމުން، އިބާގެ ހިތުގައި އެތައް ޝަކުވާއެއް ވިއެވެ. އޭރު އެކަމާއި ޝަކުވާކުރި ނަމަވެސް، މިއަދު އޭގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު އެނގުމުން އެ ޝަކުވާތައް ފިލައިގެން ދިޔައެވެ. "މަންމަ އެހެންވެތަ ފަހުން ބާތްޑޭ ޕާޓީތައް ބާއްވަން އެއްބަސްނުވީ؟..." އިބާއަށް އަހައިލެވުނެވެ. "އިބާއަށް އޭރު ސެވަން ދޯ ވާނީ؟ ދޮންބެއަށް ޓްވެންޓީ އިޔާސްގަ...'' "ކިހިނެއް ހުރި މީހެއް އެއީ؟... ދަރިފުޅަށް އޭނަ ފެނުނުތަ؟" ފަލާހާއަށް އިތުރު ކަމަކަށް ވިސްނޭ ވަރެއް ނުވިއެވެ. "މޫނެއް ނުފެނޭ... އެކަމަކު، ޒުވާނެއް އެއީ... އެހާ މުސްކުޅި މީހެއް އެގޮތަށް ފިޓްކޮށް ނުހުންނާނެ.. ބަރާބަރަށް ޖިމްއަށް ދާ މީހެއް އެއީ... އިބާއަށް ޔަގީން..." އިބާ އޭނާއަށް ފެނުނު ގޮތަށް އެމީހާ ހުރިގޮތް ކިޔައިދިނެވެ. "އޭނަ ދިޔައީވެސް ދޮންބެގެ ފްލޯއަށޭ" "ނާޝިޒް... ގުޅާބަލަ އިކާންއަށް.." ފަލާހާ ހާސްވެގެން ތެޅިގަތެވެ. "ބުނޭ އަވަހަށް ގެއަށް އަންނާށޭ" ނާޝިޒް ގުޅިއިރު، އިކާން އިނީ ފޯނެއްގައެވެ. ނާޝިޒް ތަކުރާރުކޮށް ދެތިން ފަހަރު ގުޅުމުން، އިކާންއަށް ފޯނު ނަގަން މަޖުބޫރުވިއެވެ. ގުޅައިގެން އިން ކޯލު ކުރުކޮށްލާފައި ނާޝިޒްގެ ކޯލު ނެގިއެވެ. "އެއްވެސް މީހަކު ދަރިފުޅާ ބައްދަލުކުރަން ދިޔަތަ؟'' ނާޝިޒް ފުރަތަމަވެސް ކުރީ އެސުވާލެވެ. "އާޖެންޓް ނޫނިއްޔާ، ބައްޕައަށް ފަހުން ގުޅާލަންތަ؟ މިގަޑީ ބައްދަލުވުމެއްގަ މީނީ" އެހާ މުހިއްމު ކޯލެއް ކުރުކޮށްލާފައި ނާޝިޒްގެ ކޯލު ނެގުމުން، ކުރި ކޫސަނި ސުވާލަކުން އިކާން އިނީ ފާޑަކަށް ފޫހިވެފައެވެ. "ދަރިފުޅު އެއްވެސް މީހަކާ ބައްދަލުކުރާނެކަމެއް..." ނާޝިޒްގެ ޖުމުލަ ފުރިހަމަނުވަނީސް އިކާން ފޯނު ކަނޑައިލިއެވެ. "ސޮރީ މިހާގިނައިރު ވެއިޓިންގަ ބޭންދުނީމަ" ފޯނު ބަންޑުންވާހެން މޭޒުމަތީގައި ބާއްވާފައި، އިކާން ނަޒަރު ހުއްޓައިލީ، ކުރިމަތީގައި އިން މީހާއަށެވެ. ******** ހޫނުގަދަވެގެން ރޫބީ ހުރީ ބޮލަށް އެނބުރުން އަރާވަރުވެފައެވެ. ފައިލުތައް ހުރިތަނަށް ލާފައި ދޮރާއި ދިމާއަށް ހިނގައިގަތް ރޫބީއަށް މަންޒަރު ފުސްވާން ފެށިއެވެ. ކުއްލިއަކަށް ދެފައިގެ ހަރަކާތް ހުއްޓުނެވެ. ކުރިއަށްދާން ރޫބީ ކުރި މަސައްކަތް ނާކާމިޔާބު ވިއެވެ. ދޮރު ހުޅުވުނެވެ. އެތެރެއަށް ވަނީ ފިރިހެނެކެވެ. އެމީހަކު ހަލުވި ފިޔަވަޅުތަކެއްގައި، ގޮސް ރޫބީގެ ކައިރީގައި ހުއްޓުނެވެ. ރޫބީއަށް ފެނުނީ އެމީހަކު އަރައިގެން ހުރި ބޫޓެވެ. ދެން ފަޓުލޫނުން ބައެކެވެ. ރޫބީ އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. ދޫ ހަރަކާތްކުރި ވެސް މެއެވެ. ހަށިގަނޑުގެ ގުނަވަނެއް މަސައްކަތް ކުރާވަރަށްވުރެ ރޫބީގެ ހާލު ދެރައެވެ. ކުރިމަތީގައި ހުރި މީހަކު ރޫބީގެ ގައިގައި ހިފެހެއްޓިކަން އޭނާއަށް އެނގުނެވެ. "ޔޫ ވިލް ބީ އޯކޭ؟" ރޫބީއަށް އިވުނީ ފިރިހެނެއްގެ ބަރު އަޑެވެ. ހޭއެރިއިރު ރޫބީ އޮތީ، ސޯފާއެއްގައެވެ. ގައިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތެވެ. ހުދު ސީލިންގުގައި ހަރުކޮށްފައިވާ ފަންކާގެ ފިޔަތައް އެނބުރެމުންދިޔައެވެ. އޭސީގެ ފިންޏާއި އެކުވެގެން އައި ފަންކާގެ ވައި ހަށިގަނޑުގައި ބީހިލުމުން، ރޫބީގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. މުޅި ތަން ހީވަނީ، ގަނޑުކޮށްފައި ހުރި ހެންނެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ރޫބީއަށް ވަށައިގެން ހޯދައިލެވުނެވެ. އެއީ އޮފީހެއްގެ ކެބިންއެކެވެ. ސާފުތާހިރުވެފައި ތަނަވަހެވެ. ތަނުގެ ހައިބަތު ދައްކުވައިދެނީ، ފާރުތަކުގެ ހުސްކަމާއި، ބޭނުންކޮށްފައިވާ ޒަމާނީ ފަރުނީޗަރު ތަކުންނެވެ. އެއް ބިތް އެއްކޮށް، ބިއްލޫރި ޖަހާފައިވާއިރު، ފިނީގެ ސަބަބުން ބިއްލޫރިގަނޑު ވަނީ ފުސްވެފައެވެ. ރޫބީ ފުންމައިގެން ތެދުވިއެވެ. ވަށައިގެން ހޯދައިލި ވަގުތު، އޭނާގެ ލޮލުގައި އަޅައިގަތީ، މޭޒު ކައިރީގައި ހުރި ޒުވާނާއެވެ. އެމީހަކު ހުރީ ރޫބީއަށް ފުރަގަސްދީގެންނެވެ. "ގުޑް އާފްޓަނޫން... ކޮފީ؟" ޒުވާނާ އެނބުރުނީ ދެ ކޮފީ ހިފައިގެންނެވެ. ރޫބީ ފެނުމުން އޭނާ ހިނިތުންވެލިއެވެ. "މާބޮޑަށް ދާހިއްލާފަ ހުރީމަ، ފަންކާވެސް ޖެހީ..." ރޫބީގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ، ކުރިމަތީގައި ހުރީ އޭނާ ދަންނަ ޒުވާނެއް ނޫންކަން އެނގުމުންނެވެ. ޒުވާނާ ފަންކާ ނިވާލީ ރޫބީ ފިނިވެފައި ހުރިކަން އެނގުމުންނެވެ. "ތީ ކާކު؟" ރޫބީ ހުރީ ޖެހިލުންވެފައެވެ. "ތިކުއްޖާ ސަލާމަތްކޮށްދިން މީހާ..." އޭނާ ޖަވާބުދިނެވެ. ޒުވާނާ ދެތިން ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. ރޫބީއަށް ކޮފީތަށި ދިއްކޮށްލިއެވެ. ރޫބީއަށް ކޮފީތަށީގައި ހިފާކަށް ނުކެރުނެވެ. ޒުވާނާގެ މޫނަށް ބަލަން ހުރެވުނީއެވެ. "އަހަރެން ހޭންޑްސަމްކަމުންތަ ތިހާ ވަރަށް ތި ބަލަނީ؟ ނޫނީ އަހަރެން ލަދުގަނޭތޯ ބަލާލަންތަ ތިއުޅެނީ؟" ޒުވާނާ ސަމާސާކޮށްލިއެވެ. "މީ ކޮންތަނެއް؟" ރޫބީ އަނެއްކާ ވެސް އަހައިލިއެވެ. "ހާދަ ސުވާލު ގިނަ ކުއްޖެކޭ..." ޒުވާނާ މަޑުމަޑުން ހީލިއެވެ. "އިހަށް މި ކޮފީތަށީގަ ހިފާބަލަ... އަހަރެންގެ އަތަށް ހޫނުވެއްޖެ!... ކޮފީ ބޮއެގެނެއްނު އިތުރު ވާހަކަ ދައްކާނީ..." ހާސްވެގެން ރޫބީއަށް ކޮފީތަށި ދަމައިގަނެވުނު ގޮތްވެސް ނޭނގުނެވެ. އެއްނޭވާއިން ކޮފީތަށި ބޮއެ ހުސްކޮށްލިއެވެ. އެހާ ހޫނު އެއްޗެއް ރޫބީ އެހާ ފަސޭހައިން ބޮއެ ނިންމާލުމުން، ޒުވާނާ ހުރީ އަޖައިބުވެފައެވެ. އާދައިގެ ކުއްޖެއްގެ ގޮތުގައި ފެނުނަސް، ރޫބީއަކީ އާދައިގެ ކުއްޖެއް ނޫނެވެ. "ޔަޒްދާން..." ސަލާމަށް އަތް ދިއްކޮށްލަމުން ޔަޒްދާން ބުނެލިއެވެ. "އަހަރެންގެ ނަމަކީ ޔަޒްދާން... މީ އަހަރެންގެ ކެބިން... އަހަންނަކީ...." "އަހަރެން ހުރި ތަނަށް ގެންގޮސްދީ!" ރޫބީ އެދުނެވެ. ޔަޒްދާން އެއްޗެއް ބުނަން އުޅެފައި ހިމޭންވިއެވެ. ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި، އޭނާއާއިއެކު ދިޔުމަށް އެދުނެވެ. ކެބިންއިން ނުކުމެގެން ޔަޒްދާން އެރީ ލިފްޓަށެވެ. ލިފްޓުން ދިމާވި މުވައްޒަފުން މާ ވަރަކަށް ބަލާތީ، ރޫބީ ހުރީ އިސްޖަހާލައިގެންނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ