ރާއްޖެ އިޝްތިހާރުކުރަން ޓޫރިޒަމް އިންޑަސްޓްރީ ޗައިނާ އަށް

ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެފައިވާތީ، ޗައިނާ ޓޫރިސްޓުން އިތުރުކުރަން އެ ގައުމުގައި އަންނަ މަހު ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ. ރާއްޖެ އަށް މިހާރު ޒިޔާރަތްކުރާ ޗައިނާގެ މީޑިއާ ގްރޫޕާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ ޑިރެކްޓަރު އިބްރާހިމް އާސިމް ވިދާޅުވީ ޗައިނާ އިން އަންނަ ޓޫރިސްޓުން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ދަށުން ޗައިނާގެ މީޑިއާ ގްރޫޕްތައް ރާއްޖެ ގެންނައުމުގެ އިތުރުން އެ ގައުމުގައި ރާއްޖެ އިޝްތިހާރުކުރަން ރޯޑް ޝޯއެއް ބާއްވަން ވެސް ނިންމާފައިވާ ކަމަށެވެ. "އަޅުގަނޑުމެން މިދަނީ ޗައިނާގެ ބޮޑެތި ސިޓީތަކުގައި ރޯޑް ޝޯވްތަކާއި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އަންގައިދޭން ރޯޑް ޝޯއެއް ރާވަމުން. އެކަން މިކުރަނީ މުޅި އިންޑަސްޓްރީ ގުޅިގެން،" އާސިމް ވިދާޅުވި އެވެ. ޗައިނާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން އެ ގައުމުގެ އެންމެ މަޝްހޫރު 12 މީޑިއާއިން ނޫސްވެރިން ވަނީ މައުލޫމާތު ދީފަ އެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބްގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް އެސޯސިއޭޝަންތަކުންނެވެ. އާސިމް ވިދާޅުވީ ޗައިނާ އިން އަންނަ ޓޫރިސްޓުން އިތުރުކުރުމުގެ ގޮތުން މިހާތަނަށް އެ ގައުމުގެ މީޑިއާގެ ތިން ގްރޫޕެއް ރާއްޖެ ގެނެސްފައިވާ އިރު، އެކަމުގެ ނަތީޖާ ވެސް ފެންނަމުންދާ ކަމަށެވެ. "އަޅުގަނޑުމެން އެންމެ ބޮޑު ކަމަކަށް ބަލަނީ ރާއްޖޭގައި މި ދިމާވި ކަންތައްތަކާއި ޕޮލިޓިކަލް ސިޗުއޭޝަންގެ ސަބަބުން ދަށްވި ދަށްވުން ސަލާމަތްކުރަން. އެކަން ކުރުމަށް ބޭރުގެ މީޑިއާ ގްރޫޕްތައް ގެންނަނީ ސީދާ މި ތަންތަން ދައްކަން. އޭރުން އެމީހުން ގޮސް ރިޕޯޓްކުރާ ކަހަލަ ގޮތަކަށް. މިކަމުގެ ސަބަބުން ރަނގަޅު ފީޑްބެކެއް ވެސް ފެންނަމުން އެބަދޭ،" އާސިމް ވިދާޅުވި އެވެ. ޗައިނާ އިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެބްރުއަރީ މަހާ ހަމައަށް ޗައިނާއިން 38081 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ