ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާ މިރޭ
ވިހި ވަނަ ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ހަފުލާ މިރޭ ދަރުބާރުގޭގައި އޮންނާނެ އެވެ. މި ހަފުލާގައި މިދިޔަ އަހަރުގެ ކުޅިވަރުގެ ތަރިންނަށް އެވޯޑް ދިނުމާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފަރާތަކަށް ހަވީރުގެ ހާއްސަ ހަނދާނީ ފިލާ ދިނުން އޮންނާނެ އެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިން މިދިޔަ އަހަރު ހޯދި ކާމިޔާބީ ފާހަގަކުރާނެ އެވެ. ޓީވީއެމް އިން ވަގުތުން ދެއްކުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ދިނުމުގެ ހަފުލާގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ އެވެ. މި ފަހަރު ވެސް ފުޓްބޯޅަ އާއި ވޮލީބޯޅަ އަދި ބާސްކެޓްބޯޅަ އިން ޖުމްލަ 23 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ފެށުން ކަމަށްވާ ރަންބޫޓު މިދިޔަ ސީޒަނުގައި ހޯދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ހަވީރު ރަން ބޫޓާ އެކު 20،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 30،000ރ. ހުށަހަޅައިފައިވެ އެވެ. އަދި މި މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ އަށް 15،000ރ. ހުށަހަޅައިފައިވެ އެވެ. އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 25،000ރ. ހުށަހަޅައިފައިވެ އެވެ. އަދި ވޮލީބޯޅަ މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ ވެސް ހޮވާނެ އެވެ. އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 15،000ރ. ހުށަހަޅައިފައިވާއިރު މި މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ އަށް އިނާމު ދޭނެ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސް އިން 2007 ވަނަ އަހަރު ތައާރަފްކުރި އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 20،000ރ. ހުށަހަޅައިފައިވެ އެވެ. އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 15،000ރ. ހުށަހަޅައިފައިވާއިރު، މި ދެ ބައިން ވެސް ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ ހޮވާނެ އެވެ. މީގެ އިތުރުން، ވޮލީބޯޅަ އަދި ބާސްކެޓްބޯޅައިގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ކުޅުންތެރިޔާ ހޮވައި އެވޯޑް ދޭނެ އެވެ. ފުޓުބޯޅަ އިން ހޮވަނީ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއާ އެވެ. މި އަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑްގެ މަގާމުތަކަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް ޓީވީއެމް އިން ދެއްކި ހަވީރު ސްޕޯޓްސް އެވޯޑްސް ކައުންޓްޑައުން ޝޯ ގައި މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. މިރޭގެ ހަފުލާ ފަށާނީ 9:00 ގަ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުންނަކީ ދިރާގާއި މޯލްޑިވިއަން އަދި އެސްޓީއޯ އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް އާއި އެލައިޑް އިންޝުއަރެންސް އާއި ސަލްސާ ކޭޓަރިންނާއި ސީ ހައުސް އަދި އެމްއެޗްއޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ