ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފުރަތަމަ ފަހަރަށް މިއަދު ދުވާނެ އެވެ.
ބްރެޒިލްގެ ރިއޯޑި ޖެނެއިރޯ ސިޓީގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އެންމެ މުހިއްމު އަދި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގައި ސާއިދު ދުވާއިރު، އިވެންޓް އޮންނާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5:37 ގަ އެވެ. އެ ހީޓުގައި ވާދަކުރާ ދުވުންތެރިންގެ ޕާސަންލް ބެސްޓް ޓައިމިން އަށް ބަލާއިރު، ހީޓުގެ އެއް ވަނަ ހޯދައި ސާއިދު ފުރަތަމަ ބުރަށް ހޮވޭނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެ ނަމަ ސާއިދު ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދެވުނު ދެ ވަނަ އެތުލީޓަށެވެ. 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސްގެ ޕްރިލިމަނަރީ ބުރުގެ ތިން ވަނަ ހީޓުގެ ތިން ވަނަ ހޯދައި ރާއްޖޭގެ ދުވުންތެރިއާ އަޒްނީމް އަހުމަދު ވަނީ، ޕްރިލިމަނަރީ ބުރު ފަހަނައަޅައި ދިޔަ ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދައިފަ އެވެ.
ޕްރިލިމިނަރީ ބުރުގައި ޖުމްލަ 22 ދުވުންތެރިން ވާދަކުރާއިރު ފުރަތަމަ ބުރަށް ހޮވޭނީ އޭގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދުވުންތެރިންނެވެ. ފުރަތަމަ ބުރު މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު ފަށާއިރު އެ ބުރުގައި ވާދަކުރާނީ، ޕްރިލިމިނަރީ ބުރުން ހޮވޭ ދުވުންތެރިންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ދުވުންތެރިންނެވެ. އެ އިވެންޓުގެ ސެމީ ފައިނަލް އަދި ފައިނަލް އޮންނާނީ ހޯމަ ދުވަހު އެވެ
ސާއިދު ވަނީ މިދިޔަ އަހަރުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ހަތަރު ވަނަ ހޯދައި ފުރަތަމަ ބުރަށް ކޮލިފައިވެފަ އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ތަމްރީން ސެންޓަރު ކަމަށްވާ ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި 2012 ވަނަ އަހަރުން ފެށިގެން ތަމްރީން ހަދަމުން އަންނަ ސާއިދު ވަނީ މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދާފަ އެވެ. އޭނާ ވެފައިވަނީ، އެތުލެޓިކްސް ގައި ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ހަމައެކަނި ދުވުންތެރިޔާ އަށެވެ. މީގެ އިތުރުން ސާއިދު ވަނީ އެ ގޭމްސްގެ 200 މީޓަރު ދުވުމުންނާއި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.
ރިއޯ އޮލިމްޕިކްސްގެ އެތްލެޓިކްސްގައި ރާއްޖެ އިން ވާދަކުރާ އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލް ބައިވެރިވެފައިވަނީ 200 މީޓަރު ދުވުމުގަ އެވެ. އެ އިވެންޓް އޮންނާނީ ހޯމަ ދުވަހު އެވެ.
ރިއޯ އޮލިމްޕިކްސްގައި ސާއިދު މިއަދު ހަވީރު ވާދަކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ