ވޯޓުލުމަށް ކަރަންޓީންވުމަކާއި ނުލައި ރަށްރަށަށް ދެވޭ ގޮތަށް ހަމަޖައްސައިފި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމަށް ކަރަންޓީނަކާއި ނުލައި ރަށްރަށަށްދެވޭ ގޮތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަމަޖައްސައިފިއެވެ.
މިގޮތަަށް ހަމަޖެއްސި ނަމަވެސް ކަރަންޓީނާ ނުލާ ރަށްރަށަށް ދެވޭނީ އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ރަށަކަށް ކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭއިން މިއަދު ނެރުު އިޢުލާނެއްގައި ވިދާޅުވެފައިވަނީ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް މާލެ ސަރަހައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓުތަކުންނާއި ސަފާރީތަކުންނާއި ގެސްޓްހައުސް ހުންނަ ރަށްރަށުންނާއި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ވަކި ފިޔަވަޅުތަކަކާއެކު ވޯޓުލުމަށްޓަކައި ކަރަންޓީނުވުމެއް ނެތި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެޗްޕީއޭއިން ވަނީ މިގޮތަށް ކަރަންޓީނަކާއި ނުލައި ރަށްރަށަށް ދަތުރުކުރި ކަމުގައިވިއަސް ބައެއް ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.އެގޮތުން ވޯޓުލާ ސަރަޙައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުމަށާއި، ވޯޓުލުމަށްފަހު، ގިނަވެގެން 48 ގަޑިއިރުގެ ތޭރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުމަށް ވަނީ އަންގާފައެވެ.
މިއަދި މި ދެވުނު ލުއިތަކާއެކު ރަށްރަށަށް ދަތުރުކުރެވޭނީ، ވޯޓުލުމަށްޓަކައި ދާ ފަރާތްތަކަށް އެކަނިަކަމަށްވެސް އެޗްޕީއޭގެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ