މެކްރޮންއާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވެ، ފްރާންސްގެ ރައްޔިތުން ޕާކިސްތާނުން ފައިބަން އަންގައިފި

ފްރާންސްގެ ރައްޔިތުން ޕާކިސްތާނުން ފޭބުމަށް އެގައުމުގައި ހުންނަ ފްރާންސްގެ އެމްބަސީން އަންގައިފިއެވެ.
ފްރާންސްގެ އެމްބަސީން އެގައުމުގެ ރައްޔިތުންނަށް މިގޮތަށް އަންގާފައި ވަނީ ފްރާންސްގެ ރައީސް އިމެނުއެލް މެކްރޮން، އިސްލާމްދީނަށް ފުރައްސާރަ ކުރިކަމަށް ބުނެ ޕާކިސްތާނުގައި ވަރުގަދަ މުޒާހަރާތަކެއް ފަށާފައިވާތީއެވެ.
ފްރާންސްގެ އެންބަސީން މިގޮތަށް އަންގާފައިވާކަން ބޭރުގެ މީޑިއާތަކަށް ކަށަވަރު ކޮށްދީފައިވާ އިރު، އެ އެމްބަސީގެ ބައެއް މުވައްޒަފުންވެސް ޕާކިސްތާނުން ފޮނުވާލަން ވަނީ ހަމަޖެހިފައެވެ.
އަދި ފްރާންސްގެ ރައްޔިތުން ޕާކިސްތާނުން ފައިބަން އަންގައި އެގައުމުގެ ރައްޔިތުންނަށް ފޮނުވި މެސެޖުގައި ޕާކިސްތާނުގެ މަސްރަހު ވަރަށް ބޮޑަށް ނުރައްކާ ވެފައިވާ ކަމަށް ބުނި ނަމަވެސް އެމީހުން ފޭބުމަށް ވަކި ހާއްސަ އިންތިޒާމުތަކެއް ފްރާންސް އިން ހަމަޖައްސާފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގެ ފޮރިން އެފެއާޒް މިނިސްޓްރީން ބުނީ، ފްރާންސްގެ ރައްޔިތުން ޕާކިސްތާނުން ފޭބުމަށް އަންގާފައިވާކަން އެނގިފައިވާ ކަމަށާއި އެގޮތަށް އަމަލުކުރަމުން ދަނީ ފްރާންސްގެ އެމްބަސީއަށް އެ ހާލަތު ސިފަވާ ގޮތަށް ކަމަށެވެ.
އަދި ޕާކިސްތާނުގައި ހަމަނުޖެހުންތައް ހަމައަކަށް އަޅުވައި ފްރާންސްގެ އެއްވެސް ރައްޔިތަކަށް އަދި މުދަލަކަށްވެސް ގެއްލުމެއް ވިޔަ ނުދިނުމަށް މަސައްކަތްކުރާ ކަމަށްވެސް ބުންޏެވެ.
ފްރާންސްއާ ދެކޮޅަށް ޕާކިސްތާނުގައި މުޒާހަރާ ކުރަމުން ދަނީ އެ ގައުމުގެ ’ތާރީޚް – ލައްބައިކް ޕަކިސްތާން (ޓީއެލްޕީ) ޕާޓީގެ ފަރާތުންނެވެ. އަދި މިދިޔަ ނޮވެމްބަރު މަހުވެސް މެކްރޮން އިސްލާމް ދީނަށް ފުރައްސާރަކުރާ މޭރުމުން ވާހަކަ ދެއްކެވުމުން އެ ޕާޓީން ވަނީ މުޒާހަރާތައް ބާއްވައިފައެވެ.
އެފަހަރު މުޒާހަރާތައް ހުއްޓާލާފައިވަނީ، ފްރާންސްގެ ޕްރޮޑަކްޓުތައް ޕާކިސްތާނުގައި ބޮއިކޮޓު ކުރުމާއެކު، ފްރާންސް އެމްބަސީ އެ ގައުމުން ބޭރުކޮށްލުމުގެ ވާހަކަ ގާނޫނު ހަދާ މަޖިލީހާ ހަމައަށް ގެންދާނެ ކަމަށް ޕާކިސްތާނު ސަރުކާރުން އެއްބަސްވުމުންނެވެ.
ނަމަވެސް އަނެއްކާވެސް މުޒާހަރާތައް ފަށާފައިވަނީ، އޭރު އެކަންކަން ކުރުމަށް ޓީއެލްޕީން ޕާކިސްތާނު ސަރުކާރަށް ދިން މުއްދަތު ހަމަވި އިރުވެސް އެކަން ނުކޮށް، އެ ޕާޓީގެ ލީޑަރު ސާދް ރިޒްވީ ހައްޔަރު ކުރުމާ ގުޅިގެންނެވެ.
ޕާކިސްތާން ސަރުކާރުން ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ޓީއެލްޕީ އުވާލައިފައެވެ. އެއީ އެގައުމުގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ