26 އަހަރުވީ ހައިވަކަރު ގަހަށް ބަހާރު މޫސުން އައިސްފައި

ހައިވަކަރު ގަހަކީ ދިިވެހި ސަގާފަތާއި ދޯޅު ސަގާފަތުގެ މުހިންމު ކަންކަން އޭގެން ވުޖޫދަށް އައިސްފައިވާ ގަސްތަކުގެ ތެރެއިން މުހިންމު ގަހެކެވެ. ދިވެހި ތަރީހުގައި ކުރެވުނު އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ރަމްޒެއް ފެންނަން އޮތީ މި ދެންނެވި ހައިވަކަރު ގަހުގެ ލަކުޑީގަ އެވެ. ޒަމާނުންސުރެ މުހިންމު ބޭނުންތަކަށް ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ހައިވަކަރު ގަހަކީ މިއަދުގެ ޖީލުގެ ލޮލުން އެ ގަސް ފެނިދާނެ ގަހެއް ނޫނެވެ. ގިނަ ކުދިންނަށް އިވޭނީ ހައިވަކަރު ގަސް ކިޔާއަޑެވެ. އެ ގަހަކީ ކިހިނެތް ހުންނަ ގަހެއް ކަމެއް އެނގޭނެ ހެނެއް ހިއެއް ނުވެ އެވެ. އަދި ވެރިރަށް މާލޭގައި އެފަދަ ގަހެއް ހުރެދާނެ ކަމަށް ބަޔަކު ފަހަރުގައި ގަބޫލު ވެސް ނުކޮށްފާނެ އެވެ. މާލޭގައި 26 އަހަރުވީ ހައިވަކަރު ގަހެއް އެބަހުއްޓެވެ. ގަސް ހުރީ ރާއްޖޭގެ އަންހެން ކުދިން ތައުލީމު ހާސިލް ކުރުމަށް ހައްސަކޮށްގެން މީގެ އެތައް އަހަރެއް ކުރިން ކިޔަވާދެމުން އަންނަ އަމީނިއްޔާގަ އެވެ. ޗާންދަނީ މަގުން ބޭރަށް ފެންނަ ގޮތަށް އިސްކޮޅަށް ދެމިލާފައ،ި ފަތް ނުފެންނަ ވަރަށް މާއަޅާފައި އެހުރީ ހައިވަކަރު ގަހެކެވެ. އަމީނިއްޔާ ކުދިންނަށް އެ ގަހަކީ ހައިވަކަރު ގަހެއް ކަން އެނގުނު ނަމަވެސް ޒުވާން ޖީލުގެ ގިނަ ކުދިންނަށް އެއީ ހައިވަކަރު ގަހެއް ކަމެއް ނޭނގިދާނެ އެވެ. ގަސް އިންދެވީ އަމިނީއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޖަމީލާ އަލީ އަމީނިއްޔާ ސްކޫލުގައި ހުރި ހައިވަކަރު ގަހަށް ބަހާރު މޫސުން އައިސް ރީތި މާތަކުން އެ ގަސް ފަރިވެފައި ހުތި ތަން ފެނުމުން އެ ގަހުގެ ތާރީހު ހޯދަން ހިތުގައި ޝައުގުވެރިކަން އުފެދިއްޖެ އެވެ. ގަހުގެ ތާރީހަކީ ކޮބައިތޯ ބަލަން އަމީނިއްޔާ ސްކޫލަށް ގުޅާލުމުން ދިނީ އެ ސްކޫލުގައި އުޅޭތާ 26 އަހަރުވެފައިވާ ލީޑީންގް ޓީޗަރު އަބްދުﷲ އަހްމަދުގެ ނަންބަރެވެ. އަބްދުﷲ އަހްމަދު ވިދާޅުވީ އެ ގަހަކީ ގާތް ގަނޑަކަށް 26 އަހަރުވެފައިވާ ގަހެއް ކަމަށާއި ގަސް އިންދެވީ އޭރުގެ ޕްރިންސިޕަލް އަދި މިހާރު ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ކަމަށެވެ. "އޭރުގެ ޕްރިންސިޕަލް ޖަމީލާ އަލީ އިންދެވި ގޮފި ކޮޅެއް އެއީ. އެކަމަނާ ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަވާނެ ބަގީޗާ ހައްދަން. އެގޮތުގެ މަތިން އިންދެވި ގޮފި ކޮޅެއް އެއީ،" އަބްދުﷲ ވިދާޅުވި އެވެ. އާންމު ގޮތެއްގައި މައަޅާ ބަރާވޭ، ގިނަ ބަޔަކު ގަހުގެ ހިކި ފަތް ހޯދަން އާދޭ އަބްދުﷲ ވިދާޅުވީ ގަހުގައި ކޮންމެ އަހަރަކު ވެސް ގިނަ އަދެއްގެ މާ އާޅާ ކަމަށާއި އަދި އެ ގަސް ދެގޮތެއް ނުވެ އެގޮތަށް ބެހެއްޓޭތޯ ސްކޫލުން މަސައްކަތް ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ސަގާފަތާއި ގުޅިފައިވާ މުހިންމު ގަހެއް އަމިނީއްޔާ ސްކޫލުގައި ހެދި ބޮޑުވެގެން އައުމަކީ އެކަމަށް ސްކޫލުގެ ދަރިވަރުން ވެސް އުފާ ކުރާކަމެއް ވިދާޅުވި އެވެ. އަބްދުﷲ ވިދާޅުވީ ގަހުގައި މާއަޅާ ބަރާވައިރު އެ މަލުން ކުރެވޭ މާބޮޑު ބޭނުމެއް ނޭންގުނަސް ގިނަ އަދެއްގެ ބަޔަކު އެ ގަހުން ވެރޭ ފަތް ހޯދުމަށް އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ފަތް ގެންދާ މީހުން އެ ފަތް ބެނުން ކުރަނީ ގަސް ކާނާއެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހައިވަކަރު ގަހަކީ އާބާދީ މަދު ގަހެއް އިހުޒަމާނުގައި ހައިވަކަރުން ހަދާފައި ހުންނަ އެއްޗެއްސަކީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު އަދި އޭގެ އަގު ވެސް ފިސާރި ބޮޑު އެއްޗެކެވެ. ހައިވަކަރުން ހަދާފައިވާ އެއްޗެއް މިލްކިއްޔާތުގައި ހުރުމަކީ ފަހުރެއް ކަމަށް އޭރު ދިވެހިން ގަބޫލު ކުރިއެވެ. ނަމަވެސް މިއަދު ހައިވަކަރު ގަހުގެ އާބާދީ މިވަނީ ކަންބޮޑިވާ ދަރަޖައަށް މަދުވެފަ އެވެ. އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ބުނީ ހައިވަކަރު ގަހަކީ ރާއްޖޭގައި ވަރަށް މަދު ވަމުން އަންނަ ގަހެއް ކަމަށާއި އެ ގަސް ރައްކާތެރި ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. ތިމާވެށީގެ ގޮތުން އެފަދަ މުހިންމު ގަސްތައް ހިމާޔާތް ކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން 50 އަހަރުން މަތި ވެފައިވާ މިފަދަ ގަސްތައް މިހާރު ވެސް ހިމާޔާތް ކުރެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ