ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަކަށް ނުނުކުންނާނަން: ގާސިމް

އެއްވެސް ބޭފުޅެއްގެ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުތުމަށް ނިންމަވާފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ދައުވަތު ގާސިމް އިބްރާހިމަށް ހުށަހަޅުއްވާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، ގާސިމްއާ ހަވާލާ ދެއްވައި ޖުމްހޫރީ ޕާޓީން މިއަދު ބުނީ އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމާށެވެ.
ގާސިމްއާ ހަވާލާދެއްވައި ޖުމްހޫރީ ޕާޓީގެ ވެބްސައިޓުގައި ބުނެފައި ވަނީ އެއްވެސް ކެންޑީޑޭޓެއްގެ ރަނިންގމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ގާސިމް ކުރިމަތިނުލައްވާނެ ކަމަށާއި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.
ރާއްޖެއަށް ޑިމޮކުރަސީ ގެނައުމަށްޓަކައި 2008 ވަނަ އަހަރު ވެރިކަމަށް ގެނައި އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް ލިބުނީ ވަރަށް ބޮޑު ހިތް ދަތިކަމެއް ކަމަށާއި މިފަހަރު މަސައްކަތްޕުޅު ކުރައްވާނީ އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވައިގެން "2008 ވަނަ އަހަރު ކެހި ކަނޑުލުގެ ހިތި ފިލުވަން" ކަމަށް ގާސިމް ވިދާޅުވި ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ.
"އެ ކަނޑުލުގެ ހިތި ފިލުވޭނީ ހުދު އެމަނިކުފާނަށް ކަމަށާއި ކޮންމެ ފަދަ ޤުރުބާނީއެއް ވެގެން ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އެބޭފުޅުން ބޭނުންވާ ތަރައްޤީ އާއި ތަޙުޒީބު ގެނެސްދެއްވަން ތައްޔާރަށް ހުންނެވި ކަމަށާއި އެ މަސަތްކަތުގައި ގައުމަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން އެމަނިކުފާނުގެ އެ މަސަތްކަތުގައި ބާއިވެރިވާނެކަމާއި މެދު ޝަައްކު ނުކުރަށްވާކަމުގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާޙިމް ވިދާޅުވި އެވެ،" ޖުމްހޫރީ ޕާޓިން ބުންޏެވެ.
ރައީސް ވަހީދުގެ ރަނިންމޭޓަކަށް ވުމުގެ ދައުވަތު ގާސިމަށް ލިބިވަޑައިގެންފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ޕީޕީއެމްގެ ކުރީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރާއި ގާސިމް ރައީސް ވަހީދާ ބައްދަލު ކުރައްވާފައި ވަނިކޮށެވެ. ހިލާލީގޭގައި ކުރިއަށް ދިޔަ އެ ބައްދަލުވުމާ ގުޅޭ ގޮތުން އުމަރު ވިދާޅުވެފައި ވަނީ އެ ބައްދަލުވުމަކީ "ފުޅާ" ކޯލިޝަން ހެދުމާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ