ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް، "ހަވީރު" ނޫހުގައި ކުރިން މަސައްކަތް ކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލަ ބާތިލްކޮށްފައިވަނިކޮށް، އަލުން ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތް ފަށައިފި އެވެ.
"ހަވީރު"ގެ މިލްކިއްޔާތާ ގުޅޭ ގޮތުން "ހަވީރު ނިއުސް އެޖެންސީ"ގެ ތިން ހިއްސާދާރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ "ހަވީރު"ގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
މި ހުކުމާ މެދު ހިތްހަމަނުޖެހިގެން "ހަވީރު" ނޫހުގައި މަސައްކަތް ކުރި 33 މުވައްޒަފެއްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ބައެއް މުވައްޒަފުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ނުގެންގޮސްވަނީ، "ހަވީރު" ނޫސް ހުއްޓާލުމާ ގުޅިގެން އުފެއްދި މިހާރު ނޫހުގެ އެޑިޓާ އިސްމާއިލް ނަސީރާއި "ހަވީރު" ނޫހުގެ އެޑިޓާ މޫސާ ލަތީފާއި "ހަވީރު" ނޫހުގައި ކުރިން މަސައްކަތްކުރި ރިފްއަތު މުހައްމަދާއި އަހުމަދު އަބްދުﷲ ސައީދާއި އަހުމަދު ހަމްދޫނާއި އަބްދުލް ރަޝީދު ހުސައިނާއި ނިއުމަތުﷲ އިދުރީސް އެވެ.
އެ މައްސަލައިގެ ޝަރީއަތް ފެށިގެން ކުރިއަށްދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު ބޭއްވި އަޑުއެހުމަކަށް އެ މުވައްޒަފުންގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ހާޒިރުނުވުމުން މައްސަލަ ބާތިލްކޮށްލި އެވެ.
"ހަވީރު"ގެ ތިން ހިއްސާދާރުން ކަމަށްވާ، އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމްއާ ދެކޮޅަށް ކޮށްފައިވާ އެ ދައުވާގެ މައްސަލަ އަލުން ހުށަހެޅުމުން އަންގާރަ ދުވަހު ހައިކޯޓުން ވަނީ އެ މައްސަލަ ފަށާފަ އެވެ.
އެހެންނަމަވެސް ޝަރީއަތުން އެ މައްސަލައަށް ތަދައްޚުލްކުރަން ނިންމި "ހަވީރު ނިއުސް އެޖެންސީ"ގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިން ކޯޓަށް ހާޒިރުކުރެވިފައިނުވާތީ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
އެ މައްސަލައިގެ އަޑުއެހުމުގައި ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމަކަށް ހާޒިރުވުމަށް ރަސްމީކޮށް ޑރ. ޒާހިރަށް ހުސެއިން އަށް އަންގަވާނެ ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދާނީ ބާތިލްކުރި މައްސަލަ ގޮސްފައިވާ ހިސާބުން ފަށައިގެން ކަމަށާއި އެއިރުގެ ހުރިހާ ރެކޯޑިންގތަކެއް ކޯޓުގައި ހުންނާނެ ކަމަށެވެ.
"ހަވީރު' އޮންލައިން އާއި "ހަވީރު" ނޫސް ނެރުން ހުއްޓާލުމަށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ނެރުނު އަމުރާއެކު ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، ނިއުސް އާކައިވް އަދި ނޫހުގެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ. "ހަވީރު" ނޫހުގައި މަސައްކަތް ކުރި މުވައްޒަފުން ވަނީ "މިހާރު" ގެ ނަމުގައި އާ ނޫހަކާއި އޮންލައިނެއް ފަށާފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
"ހަވީރު"ގެ މައްސަލަ އަލުން ފަށައި، ޒާހިރު ހުސެއިން ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ