ކިތަންމެ ވަރަކަށް ފުލުހަށް ހާޒިރުކުރިޔަސް ނުހުއްޓުވޭނެ: އަބްދުﷲ

ކިތަންމެ ވަރަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބިރުދެއްކިޔަސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
އޭނަ މިހެން ވިދާޅުވީ މާލޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވާން އެންގުމުން ހާޒިރުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
އަބްދުﷲ ވިދާޅުވީ އޭނަ ހާޒިރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މާލޭގެ ޓްރެފިކަށް ދަތިކޮށް، މާލޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އެތުހުމަތުތަކަށް އޭނަ ވަނީ އިންކާރުކުރައްވާފައެވެ. އަބްދުﷲ ވިދާޅުވީ ފުލުހުންގެ މަސައްކަތަށް ހުރަސްއަޅާފައި ނުވާނެ ކަމަށާއި ފުލުހުން އެބުނާ ދުވަހު މީޑިއާއަށް އިންޓަވިއު ދެއްވަނިކޮށް ދެފުލުހަކު އައިސް އޭނަ ގެންދިޔައީ މީޑިއާ ކުރިމަތީގައި ކަމަށެވެ. އެހެންކަމުން ފުލުހުން ކުރާ ތުހުމަތުތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އޭނަ ވިދާޅުވިއެވެ.
"އެތާ ތިއްބެވި ކުދިން މަސައްކަތް ކުރަނީ އަޅުގަނޑުގެ ސިޔާސީ ޚިޔާލުހުރިގޮތް ބަލަން. މިއީ ސިޔާސީ ކަމެއް ހަގީގަތުގައި މިކުރަނީ. ސިޔާސީގޮތުން އަޅުގަނޑު ކުރާ މަސައްކަތް ހުއްޓުވުމަށް ސަރުކާރުގައި ތިބި ބަޔަކަށް ހަޖަމުނުކުރެވިގެން ކުރާ ތުހުމަތުތަކެއް މިއީ. ރައްޔިތުން މަގުތަކުގައި ޝުއޫރު ފާޅުކުރަން ތިބިހާ ހިނދަކު އަޅުގަނޑު ހުންނާނީ މަގުމަތީގައި ރައްޔިތުންނާއެކު" އަބްދުﷲ އަހުމަދު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ އެކިއެކި ބޭފުޅުންނަށް ސަރުކާރުން މިކުރަނީ ސިޔާސީ ތުހުމަތުތަކާއި ސިޔާސީ ދައުވާތައް ކަމަށެވެ. ސަރުކާރުގެ ބޭނުމަކީ އިދިކޮޅު ހަރަކާތްތައް ހުއްޓުވުން ކަމަށާއި ނަމަވެސް އެހަރަކާތްތައް ނުހުއްޓުވޭނެ ކަމަށެވެ. އެއްވެއުޅުމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށް ވުމުން އެހައްގުގެ ބޭނުން ކުރުން ހުއްޓާނުލުމަށް އޭނަ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
މެމްބަރު އަބްދުﷲ ވަނީ އޭނައަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވައި ފުލުހުންނަށް މިއަދު ބަޔާން ދެއްވާފައެވެ. އޭނަ ވިދާޅުވީ މިކަން ނިމޭނެ ހިސާބެއް ނޭނގޭ ކަމަށާއި މާދަމާވެސް ހާޒިރުވުމަށް ޗިޓު ފޮނުވަފާނެ ކަމަށެވެ. އަދި އޭނަގެ ފޯނު ފުލުހުން ހިފަހައްޓާފައިވާތީ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދިރުންނެތް ތަކެތި ހިފާ ހައްޔަރުކުރަމުންދާ ކަމަށެވެ.
"އެސްއޯއީގެ ދަށުން މިފެންނަނީ ދިރުންނެތް ތަކެތި ހިފާ ހައްޔަރުކުރާ ތަން. ހުރިހާ ގެއެއްގައި ހުރި ކަދުރުތައް ނަގައި އެއްތަނަކަށް ޖަމާކުރަން ފުލުހުންނާއި ސިފައިންނަށް އަޅުގަނޑު ގޮވާލަން. ވަރަށް ގިނަ ގޭގޭގައި ހުންނާނެ ކަދުރު. ކޮންމެވެސް ބަޔަކަށް އެނަގައި ހަދިޔާކުރަންވީ ނޫންތޯ" އަބްދުﷲ ވިދާޅުވިއެވެ.
މިއަދު މެންދުރުފަހު 3:00 އަށް އަބްދުﷲ ފުލުހަށް ހާޒިރުވީ ރޭވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނިކޮށެވެ. ރޭގައި ހާޒިރުކުރުމުން ވަކީލެއްގެ އެހީތެެރިކަން ބޭނުންވާ ކަމަށް ވިދާޅުވުމުން އެފުރުސަތު ދިނުމުން މިއަދު ހާޒިރުވީ ވަކީލަކާ އެކުގައެވެ.
އަބްދުﷲ ގެ އިތުރަށް މިމައްސަލާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުވެސް ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރިއެވެ. ވަކީލަކާއެކު މިރޭ 10:00 އަށް ހާޒިރުވުމަށް އޭނައަށް ވަނީ އަންގާފައެވެ. އަދި ހަމައެހެންމެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހަށް ވެސް ފުލުހުން މިތުހުމަތުތައް ކުރެއެވެ. އޭނަ ވެސް މިރޭ 9:00 އަށް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ