ޖުމްހޫރީ ޕާޓީން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ފެށި މަސައްކަތް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުއްޓަވާލައްވާފައިވާ ކަމަށާއި، އެމަނިކުފާނު އަމާން ދެއްވައިފިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިގޮތަށް ވިދާޅުވީ، ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
"އަޅުގަނޑުމެނަށް ލިބުނު މަޢުލޫމާތަކީ، ގާސިމް އިބްރާހިމް މިހާރު އަމާން ދެއްވައިފިއޭ. ގާސިމް ވިދާޅުވެއްޖެ ކަލޭމެން ތިއުޅެނީ ތިމަންނާ ހަލާކު ކުރަންކަން ޔަޤީންވެއްޖެއޭ. އެހެންވީމަ ތިމަންނާ ނެތީމޭ މިހާރު ކަލޭމެންނާއެކު ތިމަސައްތަކުގައި އުޅޭކަށް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ގުޅިގެން މަސައްކަތް ކުރަމުން އައި އިދިކޮޅު ފަރާތްތަކާއި އިދިކޮޅު ލީޑަރުންގެ މެދުގައި ކޯޅުން އިތުރުވެ ގުޅުން ހީނަރުވެފައިވާކަމަށެވެ. އަދި އެ ފަރާތްތަކުން ފަހަތުގައި ތިއްބަވައިގެން ކުރާ މަސައްކަތަކީ، ރައްޔިތުން މަގުމައްޗަށް ނެރެ ހަމަނުޖެހުން ހިންގުވައި އެ ރައްޔިތުން ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ފޮނުވުން ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކާއި އެކު ކުރައްވަމުން ގެންދެވި މަސައްކަތްތަކާއި ގުޅިގެން ގާސިމްގެ ވިޔަފާރި ބަންގުރޫޓުވަމުން އަންނަކަން އެމަނިކުފާނަށް ވިސްނިވަޑައިގެންފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އެމަނިކުފާނުގެ ދަރިކަލުން ހައްޔަރުކޮށްފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓުވެސް ޖުމްހޫރީ ޕާޓީއަށް ނުލިބޭނެކަމުގެ ވާހަކަފުޅުތަކެއް ގާސިމް ދައްކަވާފައިވާކަމަށެވެ.
"އިދިކޮޅާއި ގުޅިގެން ގާސިމް ފެއްޓެވި މަސައްކަތް ހުއްޓަވާލައްވައި އަމާން ދެއްވައިފި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ