ބިރާއި ސިހުން ފަހަނައަޅައި ދާން ޖެހޭ – ގާސިމް

އުނދަގޫތަކާއި ބިރާއި ސިހުމާ ފަހަނައަޅައި ދާން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަކަށް ފޮނުވި މެސެޖެއްގައެވެ.
ގާސިމް ވިދާޅުވީ މާދުރުން ނަމަވެސް އުއްމީދުގެ ފަނޑު އަލިކަން ވެސް ފެންނާނީ ޔަގީންކަމާއި ސާބިތުކަމާއެކު ފިޔަވަޅު މައްޗަށް ފިޔަވަޅު ނަގައިގެން އަދި އެއްބައިވަންތަ ބައެއްގެ ގޮތުގައި އަމާޒަށް ވާސިލްވުމަށް ކުރިޔަށް ގޮސްގެން ކަމަށެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތައް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ހަމައެކަނި ބޭރުގެ ދެތިން ގައުމެއްގެ ޝައުގާއި އެ މީހުންގެ މަސްލަހަތުގެ ހިމާޔަތުގައި ބައްޓަންކުރެވޭ ސިޔާސަތަކަށް ވެއްޖެ ނަމަ ގިނަ ބައެއްގެ މަދަދާއި އެހީތެރިކަން ބޭނުންވާ ހުތޫރަތްތެރި ދަނޑިވަޅުގައި ރާއްޖޭގެ އާދޭހުގެ އަޑު އަހާނެ ބަޔަކު ނުތިބޭނެ ކަމަށެވެ.
"އެ ދުވަހަކުން ބައިނަލްއަގުވާމީ މައިދާނުގައި އަޅުގަނޑުމެން ބާކީވާނެ. އަޅުގަނޑުމެންގެ ނާޖާއިޒު ފައިދާ ނަގައިގެން އެ ބައެއްގެ މަސްލަހަތު ހިމާޔަތްކުރި މީހުން ތިބޭނީ މި އަށް ވުރެ މާ ހިތްފަސޭހަ ބަނދަރެއްގައި އޮޑި އަޅައިގެން،" ގާއިމް ވިދާޅުވިއެވެ.
ބޭސްފަރުވާ އަކަށް ސިންގަޕޫރަށް ފޮނުވުން ޖަރުމަންވިލާތުގެ ހާއްސަ ހުއްދައެއްގެ ދަށުން ޖަރުމަންވިލާތައް ވަޑައިގެންފައިވާ ގާސިމް ވިދާޅުވީ އޭނާގެ ރޫހު އަބަދުވެސް ވަނީ ރާއްޖޭގައި ކަމަށެވެ.
"އަޅުގަނޑުގެ ރޫހު އަބަދުވެސް ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނާއެކު އަޅުގަނޑު އެންމެ ލޯބިވާ ދިވެހިރާއްޖޭގައި. އަޅުގަނޑު މިހިރީ ތިބޭފުޅުންނާ ވަރަށް އަވަހަށް ބައްދަލުވާނެ ކަމުގެ ފޮނި އުއްމީދުގައި،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ