ކޮންމެ އަހަރެއްގެ މިދުވަސްކޮޅުގައި ކަރަންޓު ބިލް ބޮޑުވެ ޝަކުވާތައް އިވޭ: ފެނަކަ

ކޮންމެ އަހަރެއްގެ މިދުވަސްކޮޅާއި ދިމާކޮށް ކަރަންޓު ބިލްގެ ޝަކުވާތައް އަންނަކަމަށް ފެނަކައިން ބުނެފިއެވެ.
ކަރަންޓު ބިލު ބޮޑުވެ އާއްމުންގެ ޝަކުވާތައް ގިނަވުމުން ބިލަށް އަންނަ ބަދަލާއި ގުޅޭގޮތުން އާއްމުންނަށް މައުލޫމާތު ހިއްސާކުރުމަށް ފެނަކައިން މިދިޔަ ބުރާސްފަތި ދުވަހު އެކުންފުނީގެ ހެޑް ހޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ނޭނގި ނަމަވެސް ކަރަންޓު ބޭނުންކުރެވޭ ނިސްބަތް މާޗް ފަހުންކޮޅުން ފެށިގެން މޭ މެދުތެރެއާހަމައަށް އިތުރުވާކަމަށެވެ. އަދި އެއީ ހޫނު މޫސުމުގެ ސަބަބުން ކޮންސަމްޕްޝަން އަށް އަންނަ ބަދަލަކާ ގުޅިގެންކަމަށް ވެސް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ އާއްމު ގޮތެއްގައި އޭސީ ފަދަ ތަކެތި ބަހައްޓާފައި ހުންނަ ގޭބިސީތަކުން ކަރަންޓު ބިލު ބޮޑުވާ މައްސަލަ ދިމާވާނެކަމަށެވެ. މީގެއިތުރުން ފެނަކައިން ބުނީ، މިއަހަރުގެ ކުރީކޮޅު ކަރަންޓު ބިލަށް ބަދަލުގެނެސް އެފަދަ މޫސުމީ ބަދަލެއް ކަރަންޓު ބިލަށް އަންނާނެކަން އިޝާރާތްކޮށްފައިވާނެކަމަށް ފެނަކައިން ބުނެއެވެ.
"މިއީ އެއްގޮތަކަށް ވެސް ޓެރިފަށް ނޫނީ ކޮންސަމްޕްޝަން އަށް އަޅުގަނޑުމެން ވަކިގޮތަކަށް ބަދަލުކޮށްގެން އައި ބަދަލެއް ނޫން. މިއީ ހަމަ ނެޗުރަލީ އަންނަ ބަދަލެއް. ކޮންމެ އަހަރަކުވެސް މިދުވަސްކޮޅުގަ." ފެނަކައިން ބުނެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ދެ ފަހަރެއްގެ މަތިން ކަރަންޓުގެ ޓެރިފަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށް ފެނަކައިން ބުނީ، ފުރަތަމަ ބޭންޑަށް ބިލްކުރަމުން ދިޔައީ 3.75 ލާރީގައިކަމަށެވެ. އެހެންނަމަވެސް 1 ފެބްރުއަރީ 2016 ގައި 3 ރުފިޔާ އަށް ބަދަލުކޮށްފައިވާކަމަށް ފެނަކައިން ބުނެއެވެ. އަދި 400 ބޭންޑާއި ހަމައަށް އަތޮޅުތަކާއި މާލެއާއި އެއްވެސް ތަފާތެއް ނުހުންނާނެހެން މާޗް މަހު ބަދަލު ގެނެސްފައިވާކަމަށް ފެނަކައިން ބުނެއެވެ.
26 ދުވަހަށް ބިލް ކުރެވިގެން ކަސްޓަމަރުންގެ ބިލްތައް ބޮޑުނުވާނެކަން ފާހަގަކޮށް ފެނަކައިން ބުނީ، އެހެންނަމަވެސް 30 ދުވަހަށް ބިލްކޮށްފިނަމަ ދުވަސް ގިނަވާ މިންވަރަށް ބިލްތައް ބޮޑުވެގެންދާނެކަމަށާއިި އެއީ ޔޫސޭޖް އިތުރުވާތީކަމަށް ފެނަކައިން ބުނެއެވެ. އަދި ބިލް ހެދުމުގައި އެއްވެސް އޮޅުވާލުމެއް ނުވަތަ ކަސްޓަމަރުންނަށް މަކަރެއް އެކުންފުނިން ނަހަދާކަމަށް ފެނަކައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ