ގާސިމް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

އިންޓަނެޓްގައި އާންމުކޮށްފައިވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އޯޑިއޯގައި ގާސިމް އިބްރާހިމާ ގުޅޭގޮތުން "ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކާފައިވާ" ކަމަށް ވިދާޅުވެ ގާސިމް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދަޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރޭ ތ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ އަމިއްލަ ބޭބޭފުޅު ބަދުނާމުކޮށް ވާހަކަ ދެއްކެވި އިރު އަމިއްލަފުޅަށް ޔާމީން ކަންތައް ކުރެއްވިގޮތް އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި އޭނާ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެއްވެސް ބަޖެޓަކަށް ޔާމީން ވޯޓުދެއްވާފައި ނުވާ ކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މައުމޫނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވެސް ޔާމީންގެ ސަބަބުން ކަމަށެވެ.
"އަމިއްލަ ބޭބޭފުޅު ބަދުނާމުކޮށް ވާހަކަ ދެއްކި އިރު ތިމަންނާ އަމިއްލައަށް ކަންތައް ކުރެއްވިގޮތް އަޅުގަނޑުމެންނަށް އެނގޭ. އެންމެ އަހަރަކު ވެސް އަޅުގަނޑު ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުރި އިރު [ޔާމީން] ބަޖެޓަކަށް ވޯޓެއް ނުދެއްވާ. އެއް އަހަރު ވެސް އޭނާ ނުދެއްވާ. އެހެންވީމާ ޒާތީ ފިތުނަލެއްވީ އަޅުގަނޑަކަށް ނޫން. އަމިއްލަ ބޭބޭފުޅަށް. އެކަމުގެ ސަބަބުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން މައުމޫން އެކަހެރިވެވަޑައިގަންނަވަން ޖެހުނީ. އަޅުގަނޑުމެން ކުރި ކަމަކާ ހެދި އެއްނޫން. އެހެންވީމާ ތަފާތު އެކަހަލަ ވާހަކަ ހަގީގަތާ ޚިލާފަށް ދެއްކެވީމާ އަޅުގަނޑު ވެސް ޖެހޭނެ ހަގީގަތް އޮތްގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދޭން،" ގާސިމް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ގާސިމް ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުގެ އަރިހު މައުމޫނާއި ގާސީމްއާ ގުޅޭ ގޮތުން ޔާމީން ދައްކާފައިވާ ވާހަކައިގެ އޯޑިއޯ ޔޫޓިއުބުގައި މިހާރު ވަނީ އާންމުވެފަ އެވެ.
އެ އޯޑިއޯގައި ޔާމީން ވަނީ ގާސިމްގެ ފިނޭންސް މިނިސްޓަރު ކަމުގައި ބޮޑު ބަޖެޓެއް ހުށަހަޅާފައި ވާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން އޭނާ އަށް ފާޑު ވިދާޅުވެ އެވެ.
ގާސިމާ ގުޅޭގޮތުން އެ އޯޑިއޯގައި ޔާމީން ވިދާޅުވެފައި ވަނީ ޑރ. މަހުމޫދު ޝައުގީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ދޫކުރަން ނިންމި ރިސޯޓްތަކުގެ ތެރެއިން 14 ރަށެއް ގާސިމް ނަންގަވަން ބޭނުންވި ކަމަށާއި އެގޮތުން ރިސޯޓަށް އެކި ނަންނަމުގައި މީހުން ލައްވައި ގާސިމް ކުރިމަތިލައްވަމުން ގެންދެވި ކަމަށް އެ އޯޑިއޯގައި ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އަދި އެ އޯޑިއޯގައި ޔާމީން ވިދާޅުވެފައި ވަނީ އާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ރައީސް މައުމޫނަށް ކުރިމަތިލެއްވުނީ ޕީއޭގެ ފަރާތުން ކުރި މަސައްކަތަކުން ކަމަށާއި ދެ ދައުރު ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށް ކުރިމަތި ލެއްވުނީ ޕީއޭގެ މެންބަރުން ވޯޓު ދެއްވައިގެން ގާނޫނު އަސާސީ އަށް އެ އިސްލާހު ގެނެސްގެން ކަމަށެވެ.
ޔާމީން ވިދާޅުވީ އެ ދުވަހު އެ ވޯޓަށް އެހި އިރު ޑީއާރުޕީގެ ވެސް ބައެއް ބޭފުޅުން ވޯޓު ދެއްވީ ދެ ދައުރު ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށް އިތުރު ދައުރަކަށް ވެރިކަމަށް ވަޑައިނުގެންނެވޭ ގޮތަށް ކަމަށެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު މުހަންމަދު ހުސެއިން މައުމޫންގެ އަނބިކަނބަލުންގެ ބޭބެ އިލްޔާސް އިބްރާހީމާއި ސަމަރުބުލޫ އިބްރާހީމް މަނިކު އެ އިސްލާހު ފާސްކުރަން ވޯޓު ނުދެއްވާ ކަމަށް ވިދާޅުވި އެވެ. އަދި އޭރުގެ މިނިސްޓަރު ޑރ. މަހަމޫދު ޝައުގީ ވެސް އެ ވަގުތު "މާ މުހިންމު ފޯނު ކޯލެއް އައިސްގެން" ހޯލުން ނުކުމެވަޑައިގަތީ ކަމަށް ވެސް ވިދާޅުވި އެވެ.
މައުމޫނަށް އިތުރު ދައުރަކަށް ކުރިމަތި ލެއްވޭ ގޮތަށް ގާނޫނު އަސާސީ ފާސްވީ ޕީއޭގެ 14 ވޯޓު ދިނުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ