މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ ނައިބު އަޙްމަދު ޢަބްދުﷲގެ އަމިއްލަ އޮފީހަށްވަދެ އެތަނުގައި އެ ވަގުތު ހުރި މުވައްޒަފަކު ބަނުމަށް ފަހު، އޮފީހުން 36،500 ރުފިޔާ ފޭރިގެންފި އެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ،ރޭގެ ވަގުތެއްގައި، އަޙްމަދު ޢަބްދުﷲގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ހިންގާ އޮފީހަށް ވަޅި ހިފައިގެން ގްރޫޕަކުން ވަދެ، އޮފީހުގައި އެވަގުތުހުރި މުއައްޒަފުގެ އަތާއި، ފައި އަދި މޫނު ބަނދެ، 36،500 ދިވެހި ރުފިޔާއާއި، ދެ ލެޕްޓޮޕްވަނީ ވަގަށް ގެންގޮސްފައެވެ. އަދި އޮފީހުގެ ގޮނޑިމޭޒާއި، އެހެނިހެން ތަކެއްޗަށް ގެއްލުން ދީފައިވެއެވެ.
އަދި އަޙްމަދު ޢަބްދުﷲ ”ދުއްވާލާނެ“ ކަމުގެ އިންޒާރު، ރަހީނުކުރި މުވައްޒަފަށް ދީފައިވާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަހުމަދުގެ އޮފީހުގެ މުވައްޒަފު ރަހީނުކޮށް، ފައިސާތައް ފޭރިގަތް ކަމަށް ވަނީ އޮފީހުން އަހުމަދު ވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
އެމްޑީޕީން ބުނިގޮތުގައި މިއީ އާދައިގެ ވައްކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ. އަދި މިއީ އެމްޑީޕީގެ އިސްސަފުގައި ހަރަކާތެރިވާ މީހުންނަށް ބިރު ދެއްކުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އެމްޑީޕީއިންވަނީ ސިފަކޮށްފައެވެ.
"މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ އާދައިގެ ވައްކަމެއް ނުވަތަ ފޭރުމެއް ކަމަކަށް ނުބެލެވޭ. މި ޕާޓީން ދެކެނީ މިއީ އަހުމަދު އަބްދުﷲ އަށް ސީދާ އަމާޒުކޮށް، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ދުރާލައި ރާވައިގެން ހިންގާފައިވާ ޖިނާއީ ކުށެއް،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބަށް އަމާޒުކޮށް ހިންގާފައިވާ އެ ނޭއްގާނީ އަމަލު ފުރިހަމަ ތަހުގީގެއް ކޮށް، ކުށުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށާއި ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށްވެސް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
"އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގެ ބޭފުޅުންނަށާއި ހަރަކާތްތެރިންނަށް އަމާޒުކޮށް، ރިޔާސީ އިންތިހާބާ ދިމާކޮށް، ކުރަމުންދާ ގޯނާއާއި އެކި ބާވަތުގެ ގެއްލުމާއި އުނދަގޫތައް ހުއްޓާލުމަށް ވެސް މި ޕާޓީއިން ގޮވާލައި އެފަދަ އަމަލުތައް ކުށްވެރިކުރަން،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ އޮފީހުން ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ