ވައްޑެ ޕީޕީއެމުން ވަކިކުރީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން: ދައުލަތް
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ޕީޕީއެމުން ވަކިކޮށްފައި ވަނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ފަހުން ކަމަށް ދައުލަތުން ބުނެފި އެވެ. ވައްޑޭ މެމްބަރުކަމުން ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން އޭނާ ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ މެމްބަރަކު ޕާޓީ އިން ވަކިވި ކަމަށް ސިޔާސީ ޕާޓީއަކުން ކަނޑައެޅިޔަސް ޕާޓީ އިން ވަކިވީ ކަމަށް ބެލެވޭނީ އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމުމުން ކަމަށެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެވެނީވެސް އެޕާޓީއެއްގެ ދަފްތަރުގައި އިލެކްޝަންސް ކޮމިޝަނުން އެ މީހެއްގެ ނަން ރަޖިސްޓްރީ ކުރުމުން ކަމަށެވެ. ހަމައެގޮތަށް ޕާޓީ އިން ވަކިވީ ކަމަށް ބެލެވޭނީވެސް އިލެކްޝަންސް ކޮމިޝަންގައިވާ ޕާޓީގެ ދަފްތަރުން އެމީހެއްގެ ނަން އުނިކުރުމުން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ވައްޑޭގެ މައްސަލައަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު އޭނާއަށް ދީފައި ވަނީވެސް ޕީޕީއެމްގެ މެމްބަރެއް ކަމުގައި ބަލައިގެން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެކަން ސާބިތުކުރުމަށް މަޖިލީހުގެ އިދާރާގެ ސިޓީއެއް ވަނީ ހުށަހަޅާފައެވެ. ވަކީލާ ވިދާޅުވީ ވައްޑޭގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ އޭނާ މެމްބަރުކަމުން ވަކިކޮށްދިނުމަށް އެދި މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ޕީޕީއެމް އިން ސިޓީއަކުން އެދުމުން ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައި ވައްޑޭ ކުރި ސޮއި އަނބުރާ ނެގުމަށް ދިން މުހުލަތުގައި އެކަންކޮށްފައިނުވާތީ އެޅި ފިޔަވަޅެއް ކަމަށް ވަކީލާ ވިދާޅުވިއެވެ. އެކަމަކީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ހިނގާފައިވާ ކަމެއް ކަމަށް ދައުލަތުން ފާހަގަކުރިއެވެ. ވައްޑޭގެ ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނާ ޕާޓީ އިން ވަކިކުރަން ނިންމައި ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް ކޮޕީކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި "ޕީޕީއެމްގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ދެންނެވީމެވެ،" މިފަދައިން ބަޔާންކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. ޕީޕީއެމްގެ މެމްބަރުކަމުން ވަކިވާނެ ތިން ހާލަތެއް އެ ޕާޓީގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި އޭގެތެރެއިން އެއް ހާލަތުގައި ވަނީ "ޕާޓީގެ މެމްބަރުކަމުން ވަކިވާން އެދުން" ކަމަށް ހިސާން ވިދާޅުވިއެވެ. އެ ހާލަތަށް ރިއާޔަތްކުރާއިރު، މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ޕީޕީއެމްގެ ދަފްތަރުން ނަން އުނިކޮށްދިނުމަށް އެދި ވައްޑޭ ސިޓީއެއް ފޮނުވި ކަމަށާއި އެހެންކަމުން ގޮނޑި ގެއްލޭނެ އުސޫލުތައް ކަނޑައަޅާފައިވާ ހުކުމުގެ ކުރިން ވައްޑޭ ޕީޕީއެމް އިން ވަކިވެފައިވާ ކަމަށް ބަލަންޖެހޭ ކަމަށް ހިސާން ވިދާޅުވިއެވެ. މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް އިއްވީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވައްޑޭ ވިދާޅުވީ ޕާޓީ އިން ވަކިކުރުމަށް ނިންމާތާ 15 ދުވަސް ތެރޭގައި މާލޭގައި އުޅޭ މެމްބަރުން މައްސަލަ އިސްތިއުނާފު ކޮމެޓީއަށް ހުށަހަޅަންޖެހޭ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ މުއްދަތު ހަމަވިއިރު، އޭނާ އިސްތިއުނާފުކޮށްފައިނުވުމުން ޕީޕީއެމަށް އަލުން އެ މައްސަލާގައި ގޮތެއް ނިންމޭނެ ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް ވައްޑޭ ވިދާޅުވިއެވެ. ޕީޕީއެމްގެ މެމްބަރުކަމުން ވައްޑޭ އަނެއްކާވެސް ވަކިކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވެފައިވާތީ އެއަށް ރައްދުދެއްވަމުން ވައްޑޭ ވިދާޅުވީ އިންސާނަކު ދެވަނަ ފަހަރަށް މަރެއް ނުވާނެ ކަމަށާއި ހަމައެގޮތަށް އެއްފަހަރު ޕާޓީ އިން ވަކިކޮށްފައި ހުރި މީހަކު އަލުން ޕާޓީއަށް ނުވަންނަނީސް އެމީހަކު ޕާޓީ އިން ވަކިކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. "ދެވަނަ ފަހަރަށް އަޅުގަނޑު ޕާޓީ އިން ވަކިކުރިއޭ ބުނި އަޑު އަދި ކިރިޔާ އަޅުގަނޑު މިއެހީ،" ވައްޑޭ ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަން ފުރުސަތު އެރުވުމުން ބަސް ހުއްޓި ފުރަތަމަ ވައްޑެއަށް ރޮވުނެވެ. އެއަށްފަހު ދެވަނަ ފަހަރަށް ލިބުނު ފުރުސަތުގައި އޭނާ ވިދާޅުވީ ބަންޑާރަ ނައިބުގެ ފަރާތުން ކޯޓުގައި މިއަދު ދެއްކި ވާހަކަތަކާ މެދު ހިތާމަކުރައްވާ ކަމަށެވެ. ބަންޑާރަ ނައިބު އަނިލް ޒާތީ ގޮތްތަކެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ ވައްޑޭ ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އިތުރު އަޑުއެހުމެއް ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ