ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ރައީސް މައުމޫން ގޮވާލައްވައިފި
އިނގިރޭސީން އަޅުވެތި ކުރި ގައުމުތަކުގެ މައްޗަށް އެކުލެވޭ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންތައްތަކާ ބެހި ވަކި މީހަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދާތީ އެ ޖަމާއަތުން ވަކިވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން މިރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދެން އިންތިހާބުވެވަޑައިގަންނަވާ ބޭފުޅަކު ކޮމަންވެލުން ރާއްޖެ ވަކިވުމުގެ ފިޔަވަޅުތައް އަޅުއްވަން އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް މައުމޫން މިރޭ ވިދާޅުވި ގޮތުގައި ރާއްޖޭގެ ދާހިލީ ކަންތައްތަކާ ބެހި ކޮމަންވެލްތުން ބޭނުންވާ ގޮތަކަށް ރާއްޖޭގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މަޖުބޫރު ކުރަމުންދާ ކަމަށެވެ. އަދި އެކިއެކި ފަރާތްތަކަށް އެހީދީގެން ރާއްޖޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންދާތީ، ރައީސް ޑރ. މުހައްމަދު ވަހީދާ މިއަދު ބައްދަލު ކުރައްވައި ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު މިއަދު ދެންނެވިން، އަޅުގަނޑަށް އެނގޭ ރައީސުލްޖުމްހޫރިއްޔާ މިހާރު މަގާމު ދޫކޮށްލައްވަން ނިންމަވާފައިވާތީ، މި ދަނޑިވަޅުގައި މަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަން. އެހެންނަމަވެސް އަޅުގަނޑު އެދެމޭ ދެން އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާއަކު މިކަމާދޭތެރޭގައި ވިސްނާވަޑައިގެން ކޮމަންވެލްތުން ވަކިވުމުގެ ފިޔަވަޅުތައް އަޅުއްވަމުން ގެންދިއުމަށް،" "އެއްވާނަކަށް" މި ނަމުގައި ޕީޕީއެމުން ކާނިވަލުގައި މިރޭ ބޭއްވި ރިޔާސީ ކެމްޕޭނުގެ ފަހު ޖަލްސާ މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވީ އެމަނިކުފާނުގެ އަމިއްލަ ވެރިކަމުގައި ކަމަށާއި ނަމަވެސް މިއަދު ހާލަތު ބަދަލުވެ، އެ ޖަމާއަތުން ރާއްޖެއަށް "މާބޮޑު ފައިދާއެއް ނުލިބި" ދިވެހިންގެ ސިޔާސަތާ ކުޅެމުންދާ ކަމަށް ރައީސް ވަހީދަށް ދެންނެވި ކަމަށެވެ. "މިހާރު ކޮމަންވެލްތުގެ ކަންތައްތައް ހުންނަ ގޮތުން އަޅުގަނޑުމެންގެ ދާހިލީ ކަންތައްތަކާ ބެހި އެ މީހުން ބޭނުންވާ ގޮތަކަށް ކަންތައްތައް ގެންދިއުމަށް މަޖުބޫރުކޮށް. އެ މީހުން ބޭނުންވާ މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ކުރަން މަސައްކަތް ކުރާތީ އެއީކީ އަޅުގަނޑުމެންނަށް ތަހައްމަލް ކުރެވޭނެ، ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮމަންވެލްތު ފަދަ ޖަމާއަތެއްގައި ބައިވެރިވެ، ދެމިއޮންނަންޖެހޭނީ އެ ޖަމާއަތަކުން ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެކިގެން އިހްތިރާތް ކުރާ ކަމަށްވާނަމަ އެވެ. "އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވީމޭ، އަޅުގަނޑޭ ދިވެހިރާއްޖެ ކޮމަންވެލްތަށް ވަނުމުގެ އެންމެ އިސް މަސައްކަތްތައް ކުރި މީހަކީ. އެއީ ދިވެހި ގައުމަށްޓަކައޭ. ރައްޔިތުންނަށްޓަކައޭ. ދިވެހިރާއްޖެއަށް ފައިދާތަކެއް ލިބޭނެތީއޭ. މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭނެ މާބޮޑު ފައިދާއެއް ނެތް. ކޮމަލްވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެމުންދަނީއޭ. އަޅުގަނޑުމެންގެ ސިޔާސަތާ ކުޅެނީއޭ. އެކިއެކި ފަރާތްތަކަށް އެހީދީގެން ރާއްޖޭގައި ހަމަނުޖެހުން އުފައްދަނީއޭ. އެހެންވީމަ އަޅުގަނޑު އެދެމޭ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާން،" ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ ބޭރުގެ ބައެއް ފަރާތްތަކުން ރައީސް ވަހީދުގެ ވެރިކަމުގެ ފަހު ދުވަހު، ނޮވެމްބަރު 10، 2013 ގައި އެމަނިކުފާނުގެ އަރިހަށް ދިހަ ބާރަ ފަހަރު ޒިޔާރަތް ކުރެއްވި ކަމަށެވެ. އަދި އެއްވެސް އެޕޮއިންޓްމަންޓެއް ނަހަދައި، ރައީސްގެ ހުއްދައެއް ނެތި ރައީސް އޮފީހަށް ވަޑައިގެން ބައްދަލު ކުރެއްވުމުން އެކަމަށް މައުމޫން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. "ބައްލަވާ ކަންތައްތައް ހިނގައިދިޔަ ގޮތް. މި މަހުގެ 10 ވަނަ ދުވަހު. ރައީސް ވަހީދުގެ ވެރިކަމުގެ އެންމެ ފަހު ދުވަހު. އެމަނިކުފާނުގެ އަރިހަށް ބޭރުގެ ފަރާތްތަކުން 10 ފަހަރު، 12 ފަހަރު، ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ގޮސް ބައްދަލުކޮށް ހެދި. ކީއްކުރަންތޯ؟ އެއްވެސް އެޕޮއިންޓްމަންޓަށް ނޭދި. އެމަނިކުފާނު ހުއްދަ ދެއްވައިގެން ވެސް ނޫން. ކުއްލިއަކަށް ގޮސް ވަންނަނީ،"މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ ބޭރުގެ ފަރާތްތަކުން މަސައްކަތްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިހްތިރާމް ކަނޑުއްވާލައްވާފައި މަގާމުން ވަކިވެވަޑައިގަތުމަށް ފިއްތުންތައް ކުރިމަތި ކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ