އަޅުގަނޑު ހޮއްވަވާދެއްވައިފިއްޔާ، މިޤައުމުގެ އިސްލާމި ޝަޙުސިއްޔަތު ދިރުވާނަން: އުމަރު

ރޭ ބޭއްވި އުމަރުގެ ކެމްޕޭން ޖަލްސާގައި އޭނާ ވާހަކަ ދައްކަވަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގުޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރުއަށް ރިޔާސީ ޓިކެޓް ހޯއްދަވައި ދެއްވައިފިއްޔާ މިޤައުމުގެ އިސްލާމި ޝަޙުސިއްޔަތު ދިރުވާ، ދިވެހި ޤައުމުގެ ބެލެނިވެރިކަމުގެ ދަށުގައި އިސްލާމްދީން ބާއްވައިގެން ހިމާޔަތްކޮށް ކުރިއަރުވާދޭނެކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.ރޭ އާޓިފިޝަލް ބީޗްގައި އުމަރު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީގައި ރައްޔިތުން ހޮވަން ތިޔައުޅެނީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ވަލީއުލް އަމުރެއް ކަމަށާއި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ވަލީއުލް އަމުރެއްގެ މަޤާމުގައި ހުންނަ ބޭފުޅެއްގެ ކޮނޑުގައި މީގެ ހަތަރުސަތޭކަ ސާޅިސް އަހަރުގެ ކުރިން، ބޮޑުތަކުރުފާނުގެ ކޮނޑުގައި އިސްލާމްދީން ހިމާޔަތް ކޮށް ރައްކާތެރި ކޮށް ބެލެހެއްޓުމަށްޓަކައި އެޅުއްވި ޒިންމާ އަޅުއްވަން ޖެހޭކަމަށެވެ.ޕީޕީއެމްގެ ޕްރައިމެރީގައި ވާދަކޮށްގެން ކާބިޔާބުކުރާ ކެނޑިޑޭޓެއްގެ ކޮނޑުގައި ރާއްޖޭގެ އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޒިންމާ އެޅޭނެ ކަމަށާއި، ޕީޕީއެމްގެ މެމްބަރުން މިފަހަރު ވޯޓުދެއްވާއިރު، ދެ ކެނޑިޑޭޓުންގެ ތެރެއިން އިސްލާމީ އުސޫލުތަކުގެ މަތީގައި، އިސްލާމީ ވަހުދަތު ހިމާޔަތްކޮށް އަދި އިސްލާމީ ޝަހުސިއްޔަތު ދިރުވާނީ ކޮން ކެނޑިޑޭޓެއްތޯ ބައްލަވަން ޖެހޭނެކަމަަށް އުމަރު ވިދާޅުވިއެވެ.“ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ވަލީއުލްއަމްރަކު ވާންޖެހޭނީ، އިސްލާމީ އުސޫލުތަކުގެ މަތީގައި ހުންނަ، ފަސް ވަގުތު ނާޅާ ނަމާދުކޮށް، ރަމްޟާން މަހު ރޯދަ ހިފާ، އެއްވެސް ބޭނުމަކަށް ސިޔާސީ ބޭނުމަކަށް ވިޔަސް، އެއްވެސް ބޭނުމަކަށް ދޮގު ނަހަދާ، މީހުންނަށް އަމާނާތްތެރި، ތެދުވެރިއަކަށް ވާން ޖެހޭނެ” ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ކެމްޕެއިން ކުރައްވަމުން ގެންދަވާ އުމަރު ނަސީރު ވިދާޅުވިއެވެ.އުމަރު ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ކިތަންމެ ވަރުގަދަ ޕްރެޝަރތަކެއް ކުރިޔަސް، ސައްތައިންސައްތަ އިސްލާމްދީނުގެ އައިޑެންޓިޓީ ހިފައްޓަވާނެ ކަމަށެވެ.އުމަރު ނަސީރު، އިސްލާމް ދީން އަދި އިސްލާމީ ޝަރީޢަތާ ބެހޭގޮތުން ވާހަކަ ދައްކަމުން ގެންދާތީ، “އުމަރުގެ ތުނބުޅިއެއްވެސް ނެތެއް ނޫން ހޭ” ކިޔާ ބައެއް ބޭފުޅުން ދިމާ ކުރަމުން ދާތީ އެބޭފުޅުންނަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ “އިސްލާމް ދީނާ ބެހޭ ވާހަކަ ދައްކާކަށް، ތުނބުޅި ހުންނާކަށް ލާޒިމެއް ނޫން” ކަމަށެވެ. އަދި އިސްލާމް ދީނާ ބެހޭ ވާހަކަ ދައްކާނީ މިސްކިތްތަކުގައޭ ބައެއް މީހުން ބުނާ ކަމަށާއި އެހެން ނަމަވެސް އިސްލާމްދީނާއި ބެހޭ ވާހަކަތައް ހުރިހާ ތަނެއްގައިވެސް ދައްކަން ޖެހޭނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.ޕީޕީއެމްގެ ހުރިހާ ޖަލްސާއެކޭ އެއްފަދައިން އެޕާރޓީގެ ރައީސް، ކުރީގެ ރައީސް މަޢުމޫނަށް ތަޢުރީފު ކުރައްވަމުން އުމަރު ވިދާޅުވީ، ރައީސް މަޢުމޫން 30 އަހަރުވަންދެން މިޤައުމަށް އެހެން ދީނެއް އަޔަނުދީ ހިފަހައްޓަވާފައިވާކަމަށެވެ.އެހެން ސިޔާސީ ޕާރޓީ ތަކުގެ ޖަލްސާތަކާ ޚިލާފަށް މިޖަލްސާގައި ސްޓޭޖް ތައްޔާރުކޮށްފައި ހުރީ މިސްކިތެއް ރަމްޒުވާގޮތަށެވެ. އަދި މިޖަލްސާގައި މަދަހަ ޖަހާފައިހުރިކަން ފާހަގަކުރެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ