ފެނިގެން މިދިޔައީ ގާނޫނީ އިމުގެ ތެރޭގައި ނުޅެވުނީމަ ފެންނާނެ މަންޒަރު - ގާސިމް

ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ކުރި ހުކުމަށް މަރުހަބާ ދަންނަވާ ކަމަށާއި މިއަދު ފެނިގެން މިދިޔައީ ގާނޫނީ އިމުގެ ތެރޭގައި ނޫޅެވުނީމަ ފެންނާނެ މަންޒަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކިނބިދޫ ދާއިރާގެ ބައެއް ރައްޔިތުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސުޕްރީމް ކޯޓުގެ ހުކުމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒްގެ މެންބަރުކަން ގެއްލުނީ އެބޭފުޅުންގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓްގެ ހުކުމުން އެނގިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި މީހަކު ވިޔަސް ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖް ކޮށްގެން ނުވާނެކަން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓްގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ސުޕްރީމް ކޯޓްގެ ހުކުމަކާއި ދެކޮޅު ނުހެދޭނެ ކަމަށެވެ.
އެހެންކަމުން ހިޔާލު ތަފާތުވާ ފަރާތްތައް މަގުމައްޗަށް ނުނިކުމެ މަޝްވަރާގެ ރިވެތި އުސޫލު ހިޔާރުކުރުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ