ތިނަދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅެއް އެޅުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި

ތިނަދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅެއް އެޅުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ގދ. ތިނަދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިޘާ އާގުޅިގެން އެ ރަށުން އެއްކޮަށް ކަރަންޓު ގޮސްފައިވާތީ، ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތްދަތި ހާލުން އެ މީހުން ސަލާމަތްކުރަން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެޕާޓީން ގޮވާލާ ކަމަށެވެ.
އަދި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެ، ހާލުގައި ޖެހިފައިވާއިރު، އެކަމުގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައި ނުވާ ކަމަށާއި އެއީ އެމްޑީޕީން ކުށްވެރިކުރާ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އެޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުން ވަނީ ވިޔަފާރި ކުރާ ތަންތަނުން އެތައް ގުނައެއް ކަރަންޓުގެ އަގު ބޮޑުކޮށްފައި ކަމަށާއި ވިޔަފާރިކުރާ ތަންތަނަށްވެސް ދެމުންދިޔަ ކަރަންޓު ސަބްސިޑީވެސް މިހާރު މިއޮތް ސަރުކާރުން ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި ތިނަދޫއަށް ހިލޭ ބޯފެނުގެ ޚިދުމަތް ފޯރުކޮށްދީފައި ވީނަމަވެސް މި ސަރުކާރުން ހިލޭ ފެން ދޫކުރުން ހުއްޓާލައި ފެނަށް އަގު ނަގަން ފަށާފައިވާ ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 1މެގަވޯޓުގެ އާ ޖަނަރޭޓަރަށް ބަހައްޓައި އެއްވެސް މައްސަލައެއް ކުރިމަތި ނުވެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންގޮސްފައިވާ ކަމަށްވެސް ބަޔާނުގައިވަނީ ބުނެފައެވެ.
ގދ. ތިނަދޫ އިންޖީނުގެ އަނދާ އަޅިއަށް ވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ޖެހިފައިވާ ދަތި އުނދަގޫ ޙާލަތުން އެ ރައްޔިތުން އަވަސް ފުރުސަތެއްގައި ސަލާމަތްކުރުމަށް ސަރުކާރުން ވަގުތުން ފިޔަވަޅު އެޅުމަށް އެ ޕާޓީން ގޮވާލާ ކަމަށްވެސް އެބަޔާނުގައި ވެއެވެ.
ރޭ ދަންވަރު ހިނގި މި ހާދިޘާ އާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވާފައިވާ އިރު، ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ ތިނަދޫއަށް ކަރަންޓް ދޭން ބޭނުންކުރާ ތިން ޖަނަރޭޓަރު ހަލާކުވުމުން، ކުރިން ކަރަންޓް ދެމުން އައިގޮތަށް ޚިދުމަތް ދިނުމަށް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވާަފއިވާކަމަށެވެ.
އަދި އެފަދަ ހާދިޘާތައް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާ ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ