ޕީޕީއެމް ހަދަނީ ލީޑަޝިޕްގެ އަގު ވައްޓާލައި ޑީއާރްޕީގެ މައްޗަށް ބާރު ނުފޯރުވި ފޭލިވެގެން: ތަސްމީން

ޑީއާރްޕީގެ ޒައީމު ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް، އާ ސިޔާސީ ޕާޓީއެއް އުފައްދަނީ ޑީއާރްޕީގެ އެތެރޭގެ ޑިމޮކްރެޓިކް ނިޒާމް ބަލިކަށިވެ ސަރުކާރު ޖަވާބުދާރީ ނުކުރެވިގެން ނޫން ކަމަށާއި އޭގެ ހަގީގަތަކީ ޑީއާރްޕީގެ ލީޑަޝިޕްގެ އަގު ވައްޓާލައި ޕާޓީއަށް ގެއްލުން ދޭން ކުރި މަސައްކަތާއެކު ޕާޓީހެ ގުނަވަންތަކުގެ މައްޗަށް ބާރު ނުފޯރުވި ފޭލުވުމުން ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ތަސްމީން ވިދާޅުވީ ޑީއާރްޕީން ވަކިވެގެން ދިޔަ ބޭފުޅުން އާ ޕާޓީއެއް ހެދުމުގެ ހަގީގަތަކީ ޑީއާރްޕީގެ އެންމެ ފަހުގެ ގައުމީ ޖަލްސާގައި އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބުވެގެން ދިޔައިރު ވަކި ބަޔަކު ބޭނުންވާ ބަޔަކު މަގާމުތަކަށް އިންތިހާބު ނުވުން ކަމަށެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީގެ ގުރޫޕާއި ކައުންސިލު މެންބަރުންނާއި ލަފާ އަރުވާ ބޭފުޅުންނާއި ޕާޓީގެ ގުނަވަންތަކުގެ ވެރިންނާއި ޑީއާރްޕީއާ ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ އިސް ބޭފުޅުންނާއެކު ދިޓީވީގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ތަސްމީން ވިދާޅުވީ ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނާ ގުޅިވަޑައިގެންފައިވާ ބޭފުޅުންގެ ޕީޕީއެމްގައި ހައިރާންވާވަރުގެ މީހަކު ނެތް ކަމަށެވެ. ތިބީ މީގެ ކުރިން ޑީއާރްޕީ ތެރޭގައި ތިއްބެވި ބޭފުޅުންނާއި ޑީއާރްޕީއާ ކޯލިޝަން ހަދައިގެން ތިބެ ޑީއާރްޕިއަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރަމުންދިޔަ ބަޔަކު ކަމަށެވެ.
ޑީއާރްޕީގެ ބާނީ އާއި އެ ޕާޓީގައި ތިއްބެވި ބޭފުޅުންތަކެއް އުފައްދަވާ އާ ސިޔާސީ ޕާޓީއާ ގުޅުމަށް ޑީއާރްޕީން އެކަށީގެންވާ އަދަދެއްގެ މެންބަރުން ވަކިވެގެން ނުދާނެ ކަމަށާއި އެގޮތަށް ޑީއާރުޕީން ބަޔަކު ގޮސް މައުމޫންގެ އާ ޕާޓީއާ ނުގުޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
" އަޅުގަނޑުމެން މިދަނީ ގުޅަމުން ރަށްރަށުގައި އޮތް ލީޑާޝިޕާ. ޕާޓީގެ ނަމުގައި އިންތިހާބުވެފައި ތިބި ކައުންސިލަރުންނާއި ގޮފިތަކުގެ ވެރިންނާ އެބޭފުޅުން ވެސް ގުޅަމުން އެބަދޭ. ލިބޭ މައުލޫމާތުތަކުން އަޅުގަނޑުމެނަށް ޔަގީން، މި އުފެދުނު އާ ޕާޓީއަކަށް ޑީއާރްޕީން އެކަށީގެންވާ އަދަދެއްގެ ބޭފުޅުންނެއް ނުދާނެކަން މިހާތަނަކަށް ވެސް އެކަން ވެފައެއް ނެތް. ކުރިޔަށް އޮތްތާނގައި ވެސް އެކަމެއް ނުވާނެ،"
ތަސްމީން އަދި ވިދާޅުވީ އަބަދުވެސް ޑީއާރްޕީ އޮންނާނީ ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށާއި 2013 އަންނަން ދެން ޑިއާރްޕީ ވާނީ ރާއްޖޭގެ އެންމެ ބޮޑު، ވަރުގަދަ އިދިކޮޅު ސިޔާސީ ޕާޓީގެ ގޮތުގައި އޮވެ މިހާރުގެ ސަރުކާރު ބަލިކުރާނެ ކަމަށެވެ. އެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ޕާޓީއަކީ ޑީއާރްޕީ ކަމަށެވެ. އެހެން ދަންނަވަނީ ސަބަބުތަކެއް ހުރެގެން ކަމަށާއި ކަންކަން ވަމުންދާ ގޮތާކާއި އާ ޕާޓީގެ ފަހަތުގައި ވަނީ ކޮން ސިއްރުރަކެއްކަން ޑީއާރުޕީގެ މެންބަރުންނަށް ސާފުކޮށް އެނގޭ ކަމަށެވެ.
"ޕާޓީއަށް ކޮންމެ ކަހަލަ ގެއްލުމެއް ލިބުނު ކަމުގައި ވިޔަސް އަދި ޕާޓީ ހީނަރުވުމުގެ ސަބަބުން ސަރުކާރަށް އޭގެ ކޮންމެ ކަހަލަ ފައިދާއެއް ލިބުނު ކަމުގައި ވިޔަސް ހެޔޮ ކަމަށް އެ ފަރާތާތްކުން މަސައްކަތް ކުރަމުން ގެންދިޔައީ. މިވަގުތު އޮތް ޑީއާރުޕީގެ ލިޑާޝިޕްގެ އަގު ވައްޓާލުމަށްޓަކައި ހަގީގަތެއް ނެތް ވަރަށް ގިނަ ދޮގު ވާހަކަތައް ދެއްކުމަށް ފަހު. އެކަންކަން ރިކޯޑުތަކުން ފެންނަން ހުންނާނެ،" ތަސްމީން ވިދާޅުވި އެވެ.
ޑީއާރްޕީން ވަކިވެގެން ޕީޕީއެމް ހަދާ ބޭފުޅުން ޑީއާރްޕީގެ ލީޑާޝިޕުގެ އަގު ވައްޓައިލުމަށް ކުރި މަސައްކަތްތަކާ ބެހޭ ގޮތުން ތަސްމީން ވިދާޅުވީ ޕާޓީން ވަކި ވެގެން ގޮސް އެހެން ޕާޓީއެއް ހައްދަވަން ނިންމެވި ބޭފުޅުންނަނީ އެމްޑީޕީއާއެކީ ޑީއާރްޕީން ޑީލް ހަދައި މުއާމަލާތްކޮށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ނުކުރާ ކަމަށް ތުހުމަތު ކުރެއްވި ބޭފުޅުން ކަމަށާއި އެ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތެއް ނޫން ކަމަށެވެ.
"ފާއިތުވެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ދެކުވުނު ވާހަކަތައް ގަބޫލު ކުރަން ޖެހޭ ސަބަބެއް ރައްޔިތުންނާ ހަމައަށް ހާމަކޮށްދެވިފައެއް ނުވޭ. އަޅުގަނޑެއް ހަމަގައިމުގެ ޑީއާރްޕީ އުފެދުނީއްސުރެ ދުވަހަކު ވެސް ޑީއާރްޕީގެ ވިޕަކާ ހިލާފަކަށް ވޯޓުލާފައެއް ނޯންނާނެ. އަޅުގަނޑެއް ވޯޓުލާންޖެހޭ ދުވަހު އެއްވެސް ސަބަބަކާހުރެ މަޖިލީހަށް ހާޒިރު ނުވެއެއް ނޯންނާނެ. އަދި މިއޮތް ސަރުކާރުން ރައްޔިތުންނަށް ގެއްލުންވާ ކަމެއް ކުރީމާ ހާޒިރު ވަގުތުގައި ބުންނަޖެހޭ އެއްޗެއް ނުބުނެއެއް ނޯންނާނެ. އަދި މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މިއަދު މިއޮތް ޑީއާރްޕީ ލިޑާޝިޕުން ވާނީ ކުރަން ޖެހުނު ކޮންމެ ކަމެއް އޭގެ ވަގުތުގައި ސާބިތު ކަމާއެކު ކޮށްފައި،" ތަސްމީން ޔަގީންކޮށްދެއްވި އެވެ.
އޭނާ ވިދާޅުވީ ވަޒީރުން އިސްތިއުފާ ދެއްވައި މަޖިލީހުގެ މެންބަރުންނަށް ބިރުދައްކަން ކުރި މަސައްކަތުގައި ފާޅުގައި އެއްޗެއް ބުނަން ނުކުމެފައިވާނީ ޑީއާރްޕީގެ މިހާރުގެ ލީޑާޝިޕުން ކަމަށާއި ޑީއާރްޕީގެ ލީޑަޝިޕުން އެމްޑީޕީއާ ޑީލް ހަދާ ކަމަށް ބުނެ ދައްކާ ވާހަކަތަކީ ޑީއާރްޕީން ވަކިވެ އާ ސިޔާސީ ޕާޓީއެއް ހައްދަވާ ބޭފުޅުން ސިޔާސީ ބޭނުމަކަށްޓަކައި ހެދި ވާހަކަތަކެއް ކަމަށެވެ. ދުވަސްތައް ފާއިތުވެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލަން ފެށީމާ އެބޭފުޅުން ކުރި މަސައްކަތް ވެސް ފޭލިވެފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ދެން ދެއްކި ވާހަކައަކީ އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިން މައްސަލައިގައި އަޅުގަނޑު ނުހައްގުން ފައިސާ ނެގި ކަމަށް ބުނާ ވާހަކަ. އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމާފައި ސާފުކޮށް ބުނެފައި އެ އޮތީ. މިއަދު ވަކިވެގެންދިޔަ ބޭފުޅުން އެކަން ހުށަހެޅުއްވީ ވެސް އެ ބޭފުޅު ދެއްކެވި އެއްވެސް ވާހަކައެއް ހަގީގަތަކަށް ނުވިކަން އެ އޮތީ ސާބިތުވެފައި. އެހެން ވީމާ ޕާޓީއަށް ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ލިޑާޝިޕުގެ އަގު ވައްޓާލައިގެން ޕާޓީގެ ކޮންޓްރޯލު ވަކި ބަޔަކު ހޯދަން ކުރި މަސައްކަތެއް ފޭލުވީމާ މިއަދު އެބޭފުޅުން ވަކި ސިޔާސީ ޕާޓީއެއް ހަދަނީ،"
ޕީޕީއެމް އިއުލާން ކުރައްވަމުން މައުމޫން ދެއްކެވި ވާހަކަފުޅުތަކަށް ރައްދުވާ ގޮތަށް ވެސް ތަސްމީން މިއަދު ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ އާ ޕާޓީއަކީ ޑިމޮކްރެޓިކް އުސޫލުތަކާއެކު ހިނގާނެ ޕާޓީ ކަމަށް އިއުލާން ކުރި ނަމަވެސް ޑީއާރްޕީގެ ދުސްތޫރަށް އެއްވެސް އިހުތިރާމެއް ނުކޮށް ހިތުހުރި ގޮތަކަށް، ގުނަވަންތަކުގެ ނިންމުންތަކާ ހިލާފަށް މަސައްކަތްކުރި ބަޔަކު އެހެން ވިދާޅުވިޔަސް އެކަން ބަލައެއް ނުގަނެވޭނެ ކަމަށެވެ.
" އަޅުގަނޑު ދަންނަވާނީ އަޅުގަޑުމެންގެ ސިޔާސީ ހަތުރުންނަށްވުރެ ނުބައިކޮށް ޕާޓީއަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރި ބަޔަކަށް އަދި ވަކި ބަޔަކު ވަކި ފަރާތަކުން އަންގާ ގޮތަކަށް ކަންކުރާނެ ކަމަށް ތަކުރާކޮށް ބުނަމުން ދިޔަ ބަޔަކު ވަކި ލޭބަލެއް ޖައްސަވައިގެން މިއީ ޑިމޮކްރެޓިކް ޕާޓީއެއްގެ ނަމޫނާއޭ ވިދާޅުވިޔަސް އެކަން ބަލައިގަންނަން ޖެހޭ ސަބަބެއް ނެތޭ،" ތަސްމީން ވިދާޅުވި އެވެ. " ދެން ވިދާޅުވީ ޕާޓީ އުފެދުނީމާ ސަރުކާރު ޖަވާބުދާރީ ވުމަށް މަސައްކްތަ ކުރައްވާނެ ކަމަށް ހަގީގަތަކީ މިދިއަ އަހަރެއްހާ ދުވަހުވެސް އެބޭފުޅުން ދިޔައީ ވަކި ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ވަކި ކައުންސިލެއް އޮވެގެން ވަކި ޕާލެމެންޓްރީ ގުރޫޕެއް ހަދައިގެން. ވަކި އޮފީސް ހައްދަވައިގެން ވަކި ލީޑަރުންނާއެކު ވަކިން ޖަލްސާ ކުރައްވައިގެން."
ލީޑަރު ވިދާޅުވީ މިދިއަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެބޭފުޅުންނަށް ނުކުރެއްވުނު ކަމެއް ސިޔާސީ ޕާޓީއެއްގެ ނަން ހޯދުމަކުން އިތުރަށް ކުރެއްވޭނެ ކަމަށް ބަލާނެ ސަބަބެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ