ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަން އިއުލާންކުރައްވާފައިވާ ޕީޕީއެމްގެ ފަސްވަނަ އަހަރީ ޖަލްސާ އެޕާޓީގެ އޮފީހުގައި ބާއްވާ ގޮތަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ޕީޕީއެމް އިން މިރޭ ބުނެފި އެވެ.
ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ކުރިން މިޖަލްސާ ބާއްވަން ނިންމާފައިވަނީ ރައީސް މައުމޫން މިހާރު ދިރިއުޅުއްވަމުން ގެންދަވާ މ. އެންދެރިމާގޭގެ ގަރާޖުގަ އެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ހަމަޖައްސާފައިވާ އަބްދުލް އަލީމް މިރޭ ވިދާޅުވީ އެންދެރިމާގޭގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާ ޕީޕީއެމްގެ އޮފީސް ހިންގަމުން ގެންދާ ހ. ތެމާގައި ބާއްވަން ނިންމީ ރައީސް މައުމޫންގެ ފެކްޝަނުން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. މިގޮތަށް ހަމަޖެއްސީ އެންދެރިމާގެ ހުންނަނީ ގްރީންޒޯނެއްގައި ކަމަށްވާތީ ކަމަށްވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ އަހަރީ ޖަލްސާ އެންދެރިމާގޭގައި ބޭއްވުމަށް ރައީސް މައުމޫން ނިންމެވީ މިޖަލްސާ ބާއްވާނެ ތަނެއް ހަމަޖައްސައިދިނުމަށް ހައުސިން މިނިސްޓްރީގައި އެދިގެން އެއްވެސް ތަނެއް ހަމަޖައްސައިދީފައި ނުވާތީ ކަމަށެވެ.
ޕީޕީއެމްގެ ޖަލްސާ ބާއްވަން ރައީސް މައުމޫންގެ ފެކްޝަނުން ހައުސިން މިނިސްޓްރީގައި އެންމެ ފުރަތަމަ އެދުނީ ދަރުބާރުގެ ހަމަޖައްސައިދިނުމަށެވެ. ނަމަވެސް އޯލެވަލް ކުދިންގެ އިމްތިހާން ހިނގަމުންދާތީ ކަމަށް ބުނެ ދަރުބާރުގެ ދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން މިމަހުގެ 18 ވަނަ ދުވަހު އަންގާފައިވާ ކަަމަށް ރައީސް މައުމޫންގެ ފެކްޝަނުން ބުނެ އެވެ. ދަރުބާރުގެ ދެވެން ނެތް ކަމަށް އަންގާފައިވަނީ އެތަން ލިބޭނެ ކަމަށް ކުރިން އެންގުމުން މިމަހުގެ 13 ވަނަ ދުވަހު ފައިސާ ވެސް ދައްކާފައި ވަނިކޮށެެވެ.
ދަރުބާރުގެ ލިބެން ނެތް ކަމަށް އެންގުމުން ރައީސް މައުމޫންގެ ފެކްޝަނުން ދެން އެދުނީ ކާނިވާ ސަރަހައްދު އެޕާޓީގެ ޖަލްސާ ބާއްވަން ހަމަޖައްސައިދިނުމަށެވެ. ނަމަވެސް މިސިޓީއަށް ޖަވާބު ދީފައި ނުވާ ކަމަށް މައުމޫން ފެކްޝަނުން ބުނެ އެވެ.
ޕީޕީއެމްގެ ފަސްވަަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 31 ވަނަ ދުވަހު އާންމު ޖަލްސާއެއް ބާއްވަން ނިންމަވާ ރައީސް މައުމޫން އެންމެ ފުރަތަމަ އެކަން އިއުލާންކުރެއްވީ ޓްވީޓާ މެދުވެރިކޮށް މިމަހުގެ 13 ވަަނަ ދުވަހު އެވެ.
"ޕީޕީއެމްގެ ފަސްވަަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިރާދަކުރެއްވިއްޔާ 31 އޮކްޓޫބަރު ވަނަ ދުވަހުގެ ރޭ އަޅުގަނޑު އާންމު ޖަލްސާއެއް ބާއްވާނަން. މިޖަލްސާއަށް ވަޑައިގެން ދެއްވުމަށް ޕީޕީއެމްގެ ލޮބުވެތި މެންބަރުންނަށް އަޅުގަނޑު ދައުވަތު އަރުވަން. އެންމެ ފުރަތަމަ ގައުމު،" ޕީޕީއެމްގެ އާންމު ޖަލްސާއާއި ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ އާންމު ޖަލްސާއެއް ބޭއްވުމަށް ރައީސް މައުމޫންގެ ފެކްޝަނުން ތައްޔާރުވަމުން މިދަނީ ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ވަގުތެއްގަ އެވެ.
ސިޔާސީ ޕާޓީގެ ދަފްތަރުގައި ޕީޕީއެމް ރަޖިސްޓްރީ ކުރީ 27 އޮކްޓޫބަރު 2011 ގައެވެ. އެހެންކަމުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްއަށް ފަސް އަހަރު ފުރޭނެ އެވެ.
އަހަރީ ޖަލްސާ ޕާޓީ އޮފީހަށް ބަދަލުކުރަން މައުމޫން ފެކްޝަނުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ