އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެންމެންނަށްވެސް އޮންނަންވާނެ: މައުމޫން ފެކްޝަން

ޕާޓީ ތަކުގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީގައި ނާކާމިޔާބުވާ ފަރާތްތަކަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހް ހުށަހެޅުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ބުނެފި އެވެ.
މައުމޫންގެ ފެކްޝަނުން މިހެން ބުނެފައިވަނީ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ފެކްޝަނަށް ތާއީދުކުރައްވާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހަކާ ގުޅިގެންނެވެ.
ސައުދު ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އިންތިހާބެއްގައި ވާދަކުރުމަށް ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމަށްފަހު ނާކާމިޔާބުވާ ބޭފުޅުންނަށް އެއްވެސް ހައިިސިއްޔަތަކުން އެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ. އަދި ޕްރައިމަރީން ނާކާމިޔާބުވެފައިވާ ބޭފުޅަކު އެެހެން ހައިސިއްޔަތަކުން އިންތިހާބުގައި ވާދަކުރަން ހުށަހެޅިނަމަވެސް އެ ބޭފުޅެއްގެ ކެންޑިޑެސީ ބާތިލްކުރުމަށް މި އިސްލާހުގައި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ ލާޒިމްކޮށްފަ އެވެ.
މި އިސްލާހާ ގުޅިގެން ޕީޕީއެމްގެ މައުމޫން ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ނުފޫޒެއް ނެތި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިންތިހާބުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ހިލާފަށް ރައްޔިތުން މަޖިލިސް މެދުވެރިކޮށް އެ ހައްގު ނިގުޅައިގަންނަން ބަޔަކު މަސއްކަތް ކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އަދި އެބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ހުށަހަޅުއްވާފައިވާ އެ އިސްލާހަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ށ) އާ ހިލާފު އިސްލާހެއް ކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަން މެދުވެރިކޮށް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް، ޕޮއިންޓްދޭ އުސޫލަކުން ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަން ފުރުސަތުދޭން ނިންމާފައިވާތީ ކަންބޮޑުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެގޮތުން ވަކި ވަރަކަށް ޕޮއިންޓް ލިބޭ ފަރާތް ތަކަކަށް މެނުވީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ނިންމަފައިވާތީ އެކަމުގެ ޝަކުވާ ޕާޓީގެ ރައީސަށް ލިބެމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އެކަމުގެ ސަބަބުން ޕާޓީގެ މެމްބަރުންނަށް ޕާޓީގެ އަސާސީ ގަވާއިދުން ލިބިދޭ ހައްގެއް ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ލިބިފައިވާ އަގްލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، ތަކުރާރުކޮށް ގާނޫނު އަސާސީން ރައްޔިތުންނަސް ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައިގަންނަން ގާނޫނުތަކަށް އިސްލާހް ހުށަހަޅާ، ރައްޔިތުންގެ މަޖިލީސް ހިންގުމުގެ އިޖްރާއަތްތަކާ ހިލާފަށް، އަވަސް އަވަހަށް އެފަދަ އިސްލާހްތައް ފާސް ކުރުމަކީ މިޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް،" އެތެރޭގެ ކޯޅުންތަށް ބޮޑުވެ ދެބައިވެފައިވާ ޕީޕީއެމްގެ މައުމޫން ފެކްޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ