ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކި ކުރުމަށް އެމްޑީޕީ އަދި ޖޭޕީގެ މެމްބަރުން ވެސް ދެކޮޅު ހައްދަވައިފިއެވެ.
އެގޮތުން މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވަނީ ދެ ފަނޑިޔާރުން ޝަރުތު ހަމަނުވާ ކަމަށް މަޖުބޫރު ކުރުވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށާއި ޖޭއެސްސީން ނިންމި ގޮތުގެ ރިޕޯޓް ނުލިބޭ ކަމަށެވެ. އަދި ރިޕޯޓު ނުލިބޭހާ ހިނދަކު ސުޕްރީމް ކޯޓުގައި ތިއްބެވީ ކޮން ބައެއްކަން ވެސް އެބޭފުޅުންނަށް އެނގިވަޑައިުގަންނަވާ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރުކާރަށް ތާއީދުކުރާ ބަޔަކު މަޖިލީހުގައި ތިބެގެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ މުޅި ގައުމު ހަލާކުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެފަދަ އެއްވެސް މަސައްކަތަކަށް އެމްޑީޕީން ތާއީދުނުކުރާނެ ކަމުގައި އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސުޕްރީމު ކޯޓުގައި ރައްޔިތުންގެ ކުރިމަތީގައި އަނބުރާ އިއްޒަތް ގެއްލިފައިވާ ފަނޑިޔާރަކު އެބަ އިންނެވި ކަމަށާއި، މިހާރު ވަކި ކުރުމަށް ހުށަހަޅާފައިވާ ދެފަނޑިޔާރުންނަށް ވުރެ އަވަހަށް އެފަނޑިޔާރު ކޯޓުން ވަކި ކުރަން ޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ބަހުސްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ޤާނޫނު އަސާސީއެއް ނެތް ހާލަތަށް އައިސްފައި ވާކަމަށެވެ. އަދި ފަނނޑިޔާރުން ވކި ކުރުމަކީ ޝަރުޢީ ދާއިރާއަށް ކުރާ މަލާމާތެއް ކަމުގައި އިމްތިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އަދި ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދުވެސް ވަނީ ފަނޑިޔާރުން ވަކި ކުރުމަށް ދެކޮޅު ހަދާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޖޭޕީގެ ފަރާތުން ބަހުސް ކުރެއްވި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވީ މިއަދު މަޖިލީހުން ނިންމަން އުޅޭ ނިންމުމަކީ އަދުލު އިންސާފުގެ ދާއިރާއަށް ހެޔޮ އެދިގެން ނިންމާ ނިންމުމެއް ނޫން ކަމަށެވެ.
ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ވަކިކުރާ ދެ ފަނޑިޔާރުންނަށް އެ ބޭފުޅުންގެ ދިފާއުގައި ވާހަކަ ދައްކާނެ ފުރުސަތު ދީފައި ނުވާ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި ފަނޑިޔާރުން ވަކި ކުރުމާ ސީދާ ދެކޮޅު ހައްދަވާ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ފަރާތުން ބަހުސް ކުރެއްވި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލާގެ ރިޕޯޓު ބޭނުންވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރުމަށް އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުން ދެކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ