އައު ދުވަހު ނޫހަކާއި ވެބްސައިޓަކާއެކު ކުރީގެ ހަވީރު ޓީމް އެނބުރި އަންނަނީ !

ރާއްޖޭގެ މީޑިއާގައި އެންމެ ނަން ހިނގާ ނޫސްވެރިން ގުޅިގެން އައު ދުވަހު ނޫހަކާއި ވެބްސައިޓެއް ނެރެން ނިންމައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އެ ނޫހާއި ވެބްސައިޓް ރަސްމީކޮށް ލޯންޗުކުރާނެ އެވެ.
މިއީ ކުރިން ހަވީރު މީޑިއާ ގްރޫޕްގައި މަސައްކަތް ކުރި ތަޖުރިބާކާރު ނޫސްވެރިންތަކެއް ގުޅިގެން ނެރޭ ނޫހެކެވެ. ކޯޓު އަމުރެއްގެ ދަށުން ހަވީރު ނޫސް ހުއްޓާލުމާ ގުޅިގެން އުފެދުނު ނުތަނަވަސް ކަމުގައި ހަވީރު މީޑިއާ ގްރޫޕްގެ ހުރިހާ މުވައްޒަފުން އެދުވަސްވަރު އިސްތިއުފާ ދިނެވެ. އޭގެ އިތުރުން އިސްތިއުފާ ހުށަހެޅުމަކާ ނުލައި 2 މުވައްޒަފަކު އެހެން ދެ ކުންފުންޏަކަށް ބަދަލުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރެއް ނެރެ ހަވީރު ހުއްޓައިލިއިރު، ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައީ ކޮންޓްރެކްޓެއް ނެތި އެވެ. އަދި ވަރަށް ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓް މެއި ފަހެއްގައި ހަމަވެފައިވާއިރު، ބާކީ ތިބި މުވައްޒަފުން ވަނީ ކޮންޓްރެކްޓުގައިވާ 30 ދުވަހުގެ ނޯޓިސް ދިނުމަށް ފަހު ވަޒީފާ އިން ވަކިވެފަ އެވެ.
ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިވުމުގެ މައިގަނޑު ސަބަބަކީ ވަޒީފާގެ ޔަގީންކަން ނެތުމާއި ހަވީރު ހުއްޓައިލުމާ ގުޅިގެން ކުރާނެ މަސައްކަތެއް ނެތުމާއި މުސާރަ ދޭނެ ކަމުގެ ޔަގީންކަން ހަވީރުގެ ކޮންޓްރޯލް ނެގި ތިން ހިއްސާދާރުންގެ ފަރާތުން ނުލިބުމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތަޖުރިބާކާރު ޓީމުން އަލަށް ނޫހެއް މި ނެރެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހުގަ އެވެ. ނޫސް ނެރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ޓީމުން ނޫހެއް ނެރެން ނިންމީ ގާނޫނީ ގޮތުން އެއްވެސް ޝައްކެއް ނުއުފެދޭވަރަށް ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމުމަށް ފަހު އެވެ.
އެގޮތުން މުޅިން އައު އޮފީހެއް ސެޓްއަޕްކޮށް، އޮފީހަށް ބޭނުންވާ ހުރިހާ އެއްޗެއް ވަނީ ގަނެފަ އެވެ. އޮފީސް ސެޓްއަޕް ކުރުމާއި އޮފީހަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި ނޫސް ޕްރިންޓް ކުރުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ މިނިވަން ނޫސްވެރިކަމެއް ކުރުން. އިންސާފުވެރި ނޫސްވެރިކަމެއްގައި އަނެއްކާވެސް ކިއުންތެރިންނާ ބައްދަލުކުރުން،” އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ