މި ސަރުކާރުގެ ތަފާތަކީ، ރައްޔިތުން ބޭނުންވާ ކަންކަން އެނގުމާއެކު އެ ކަންކަން ކުރެވޭތޯ މަސައްކަތް ކުރުން: ރައީސް ޔާމީން

ރާއްޖޭގައި މީގެ ކުރިން އައި ސަރުކާރުތަކާއި މި ސަރުކާރާ އޮތް ތަފާތަކީ، ރައްޔިތުން ބޭނުންވާ ކަންކަން އެނގުމާއިއެކު އެ ކަންކަން ކުރެވޭތޯ މަސައްކަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މުލަކަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ކުރެއްވެވި ދަތުރުފުޅުގައި އެއަތޮޅު ނާލާފުށްޓަށް ވަޑައިގެން، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ދަތިވެފައިހުރި ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްނުދީ، ހަމައެކަނި ރައްޔިތުންގެ ސަމާލުކަން ހޯދުމަށް މި ސަރުކާރުން އެ ކަންކަމުގެ ވާހަކަ ނުދައްކާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މި ޒަމާނުގެ މުޖުތަމަޢެއްގައި އުޅޭއިރު އަޅުގަނޑުމެންނަކީވެސް އެކި ދާއިރާތަކުގައި ދުނިޔޭގެ ފެންވަރުގައި ފައިތިލަ ސާބިތުކުރާ ރައްޔިތަކަށް ވާންޖެހޭ ކަމަށެވެ. އަދި އަޅުގަނޑުމެން ބޭނުންވާ ރާސްތާއެއްގައި ކުރިއަށް ދެވޭނީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުންކަމަށާއި އެގޮތުން މިސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ޤާބިލް، ކެރޭ ޖީލެއް އުފެއްދުންކަމަށާއި، ބޭނުމަކީ އަމާން ސުލްހަވެރި ދިވެހިރާއްޖެއެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ