ސިއްހީ ދާއިރާގެ ކުރިއެރުމަށް، މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދީފި

ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމާއި ފާގަތިކަމަށްޓަކައި، ދިވެހި ސަރުކާރާއެކު އިންޑިއާ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން، އިންޑިޔާގެ ހެލްތް މިނިސްޓަރ ޝްރީ ޖަގަތް ޕްރަކާޝް ނައްޑާ ދެއްވައިފިއެވެ.
މި ޔަގީންކަން އިންޑިއާގެ ހެލްތް މިނިސްޓަރު ދެއްވީ، މިއަދު ހެނދުނު ރައީސް އަބްދުﷲ ޔާމީންއާ، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި އޮންނަ ގާތް ގުޅުން އަބަދުވެސް އަގު ވަޒަން ކުރައްވާނެކަމައް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމައް އަލިއަޅުއްވާލައްވާ، ވަކިން ޚާއްޞަކޮށް، ސިއްޙީ ދާއިރާއިން މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެޤައުމުގެ ބޭފުޅުންވެސް މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމުގައި އިންޑިއާގެ ހެލްތް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމާއި ފާގަތިކަމަށްޓަކައި، ދިވެހި ސަރުކާރާއެކު އިންޑިއާ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން، ރައީސް ޔާމީންއަށް ދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ހެލްތް އިރްތިޝާމް އާދަމްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ ޤައްސާން މައުމޫންގެ އިތުރުން އިންޑިޔާއަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާފައިވާ ސަފީރު އަޚްމަދު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާގެ ހެލްތް މިނިސްޓަރ ޝްރީ ޖަގަތް ޕްރަކާޝް ނައްޑާ ގެ އަރިހުގައި މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިންޑިއާގެ ހެލްތް މިނިސްޓަރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ