ގާސިމް ހަސަން މަރުވީ ފޭރެން އުޅުމުގެ ތެރޭގައި ދިން ހަމަލާއެއްގައި: ޕޮލިސް

ގާސިމް ހަސަން މަރާލިކަމަށް އިއުތިރާފްވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު، އޭނާއަށް ހަމަލާދިނީ މަރާލުމުގެ ގޮތުންކަމަށް ނުބެލެވޭކަމަށާއި އެކަން ހިނގާފައިވަނީ ފޭރުމުގެ ގޮތުން ގާސިމްއަށް ވަޅިން ބިރު ދެއްކުމުގެ ތެރޭގައިކަމަށް ފުލުހުން ބުނެފިއެވެ.
ގާސިމް އަށް ހަމަލާ ދިނުމަށް ފަހު އޭނާ ފިލާފައިވާ ކަމަށާއި ފޭރުމަށް އިތުރަށް މަސައްކަތްކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބޭއްވި ނޫސްކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމް މުހައްމަދުގެ އިތުރަށް މި އަމަލު ހިންގުމުގައި އިތުރު އެއްވެސް މީހަކު ބައިވެރިވެފައި ނުވާކަމަށެވެ.
މި މައްސަލަައިގައި ހައްޔަރުކޮށްފައިވާ އަދުހަމް މުޙައްމަދަކީ ވައްކަމާ ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކެއްގެ މައްސަތަކުގެ ރެކޯޑް އޮތް މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ.
ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި އޮއްވާ ހުޅުމާލޭ މަގުމަތިން ގާސިމް ފެނިފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރެއެވެ.
ގާސިމް ހަސަން މަރާލިކަމަށް އިއުތިރާފްވެފައިވާ އަދުހަމް މުހައްމަދު، ގާސިމް ގަތުލު ކޮށްލި ވަގުތު ލައިގެން ހުރި އަންނައުނު ގާސިމް މަރާލި ސަރަހައްދާ ކައިރި ހިސާބެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން ވަނީ ހޯދާފައެވެ. އަދި މައްސަލައިގައި ފުލުހުންނަށް ހޯދިފައިވާ ހެކިތަކާއި ފޮރެންސިކް ތަހުލީލުތައް އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ