އަބްދުﷲ ރަޝީދާމެދު ކަރެކްޝަނާއި ޑޮކްޓަރުން ވަނީ އިހުމާލުވެފައި: އެޗްއާރްސީއެމް

ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި ގ. ކީމާ އަބްދުﷲ ރަޝީދަށް ޖަލުގައި ފަރުވާ ދިން ދެ ޑޮކްޓަރުން ވެސް އިހުމާލުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން ދަ އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
އެޗްއާރްސީއެމުން މި މައްސަލަ ތަހުގީގު ކުރުމަށްފަހު އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އަބްދުﷲ ރަޝީދަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އޭނާ މަރުވުމުގެ ތިން ދުވަސް ކުރިން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭގަނޑު ޖަލުގައި ހުންނަ މެޑިކަލް ސެންޓަރުންކަން ހާމަވާ ކަމަށެވެ. އަދި މަރުވުމުގެ އެއްދުވަސް ކުރިން އޮކްޓޯބަރު 9 ވަނަ ދުވަހު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، ގެންދިޔުމާއި ހަމައަށް ޖަލުގައި އޭނާއަށް ތިން ފަހަރު ފަރުވާދީފައިވާކަންވެސް ހާމަވެފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
އަބްދުﷲ ރަޝީދު މަރުވެފައިވަނީ 2017 އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އައިޖީއެމްއެޗުގައި އޭނާ މަރުވުމުގެ ކުރިން ގިނަ ޓެސްޓުތަކެއް ހަދަން މަސައްކަތް ކޮށްފައިވާ ކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.
އެޗްއާރްސީއެމުން ބުނީ ޖަލުގައި ފަރުވާ ދީފައިވަނީ ދެ ޑޮކްޓަރުން ކަމަށާއި އޭގެ ތެރެއިން އެކަކަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރެއް ނޫން ކަމަށެވެ. އަދި ދެ ޑޮކްޓަރުންވެސް ފަރުވާދިނުމުގައި އިހުމާލުވެފައިވާކަން ތަހުގީގަށް ހާމާވެފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
މީގެ އިތުރަށް ޖަލުން ސިއްހީ ފަރުވާ ދެމުންދިޔައީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީނުކޮށްކަން ފާހަގަވެ ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އޭގެ ފަހުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރު ވަނީ މިދިޔަ އޯގަސްޓް މަހު ފަރުވާ ދިނުމަށް ރަޖިސްޓްރީކޮށްފައި ކަމަށް ބުނެފައި ވެއެވެ.
މި މައްސަލާގައި މޯލްޑިވސް ކަރެކްޝަނަލް ސާވިސްއާއި މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުން އިހުމާލުވެފައިވާކަން ހާމަވެފައިވާތީ ކަރެކްޝަންސްއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި މިިދިޔަ އަހަރުގެ މެއި މަހާއި މި އަހަރުގެ ފެބްރުއަރީ މަހު ޕީޖީ އޮފީހަށް އެ މައްސަލަ ދިރާސާކުރުމަށް ފޮނުވި ކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ. އެހެންނަމަވެސް އެކަމުގައި ހިމެނޭ މެޑިކަލް އޮފިސަރުންނާއި ޑިއުޓީ އޮފިސަރުން ދީފައިވާ ބަޔާންތަކުން އަބްދުﷲ ރަޝީދަށް އެކަށީގެންވާ ފަރުވާ ނުދޭ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ ޕީޖީން ދައުވާކޮށްދީފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އެޗްއާރްސީއެމުން އެކުލަވާލާފައިވާ ބަޔާން އެ ކޮމިޝަނުން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރުވެފައިވާ މީހުންނާއި ވީނުވީ ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ހުށަހަޅާފައެވެ. ރިޔާސީ ކޮމިޝަނަކީ އަމިއްލަ ހައިސިއްޔަތުން ދައުވާ ކުރުމުގެ ބާރު ގާނޫނީގޮތުން ލިބިފައިވާ ކޮމިޝަނެކެވެ.
އެޗްއާރްސީއެމުން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް މާފުށީ ޖަލަށް ޒިޔާރަތްކޮށް އަބްދުﷲ ރަޝީދު ހުކުމް ތަންފީޒުކުރަމުންދިޔަ ގޮޅި ބަލާފައެވެ. އަދި އެކި ފަހަރުމަތިން ގޮޅިއަށްގޮސް ގޮޅީގައި ތިބި އިތުރު ގައިދީންގެ ކިބައިންވެސް ވަނީ މައުލޫމާތުތައް ސާފުކޮށްފައެވެ. އަބްދުﷲ ރަޝީދާއެކު ޖަލުގައި ހުރި އެހެން ގައިދީއަކު ވެސް ވަނީ މެސެޖެއް އާންމުކޮށް އަބްދުﷲ ރަޝީދާމެދު އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ