ރައީސް މައުމޫނު ޑރ. މަހާތީރާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދާ ބައްދަލު ކުރައްވައިފިއެވެ. ރައީސް މައުމޫނު މެލޭޝިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ އިއްޔެ އެވެ. މި ދަތުރުފުޅަކީ ޑރ. މަހާތީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް މައުމޫން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ހާއްސަ ސިޓީފުޅެއްވެސް ޑރ މަހާތީރަށް ރައްދުކޮށްދެއްވައިފައެވެ. މި ސިޓީފުޅަކީ ރާޢްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ޑރ. މަހާތީރަށް ދައުވަތު ދެއްވައި ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅެކެވެ. ރައީސް ސޯލިހުގެ ދައުވަތު ޑރ. މަހާތީރު ގަބޫލު ކުރައްވާފައިވާކަމަށް ރައީސް މައުމޫނުގެ ފަރާތުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ. It was a great privilege to meet with PM of Malaysia HE Tun Dr Mahathir bin Mohamad @chedetofficial today and deliver a letter of invitation from President @ibusolih to visit Maldives. pic.twitter.com/WyzOGAEQYf — Maumoon Abdul Gayoom (@maumoonagayoom) February 15, 2019 ރައީސް މައުމޫންއާއި ބޮޑު ވަޒީރު މަހާތިރު އަކީ ޒަމާންވީ ގާތް ދެ އެކުވެރިންނެވެ. މިއީ ރައީސް މައުމޫން ޖަލުން މިނިވަންވުމަށް ފަހު މެލޭޝިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް މައުމޫންގެ ދެކަނބަލުންގެ އަރިހުގައި އެމްއާރުއެމްގައި އިސްކޮށް ހަރަކަތްތެރިވާ އަމިނަތު ނާދިރާ އަދި ރައީސް މައުމޫން ސަރުކާރުގެ ގިނަ ވުޒާރާތަކުގެ ވަޒީރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީންވެސް ބައިވެރިވެވަޑައިގަންނަވައެވެ. ޑރ. މަހާތީރާއެކު ރައީސް މައުމޫން ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން، ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލަ ރައީސް މައުމޫން ވަނީ ޑރ. މަހާތިރާ ހިއްސާކުރައްވައިފައެވެ. އެކަމުގައި ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވުމާ ބެހޭގޮތުންނާއި ރާއްޖެއާއި މެލޭޝިޔާގެ ސިޔާސީ މަސްރަހާ ގުޅޭގޮތުންވެސް ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވައިފައެވެ. މެލޭޝިއާ ދަތުރުފުޅަށްފަހު ރައީސް މައުމޫން އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ، މި މަހު 21 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ