ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްއާއި ދެބޭފުޅުން މަޝްވަރާ ނުކުރައްވާ ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ޕީއެންސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަންނަ އޭޕްރީލް މަހު ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނު ހޯދޭނެ ހުރިހާ ފޯމިއުލާއެއް ބޭނުން ކުރާނެ ކަމަށެވެ.
އެގޮތުން އެމްޑީޕީ ފިޔަވާ ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް، ކުރިއަށް ދިއުމަށް ޕީޕީއެމް ކޯލިޝަނުން އޮތީ ތައްޔާރަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ސަރުކާރު ކޯލިޝަން ޖޭޕީއާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނާއެކު މަޝްވަރާ ކުރައްވާފައި ނުވާނެ ކަމަށް ޖޭޕީގެ ލީޑަރު ވިދާޅުވެފައިވާތީ، ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ސީދާ ރައީސް ޔާމީނާއި ގާސިމް މަޝްވަރާ ނުކުރެއްވި ނަމަވެސް ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާ މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
ދާދިފަހުން ސޯސަލް މީޑިއާގައި ވަނީ ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދާއި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ރައީސް ޔާމީންގެ ގެކޮޅަށް ވެދެވަޑައިގަންނަވާ ފޮޓޯއެއް އާންމު ވެފައެވެ. އަދި ސަރުކާރު ބަދަލުވުމާއެކު ޕީޕީއެމް ކޯލިޝަންގެ ގިނަ މެމްބަރުންތަކެއް ވަނީ ޖޭޕީއާ ގުޅިވަޑައިގަންނަވާފަ އެވެ.
އެހެންކަމުން އެފަދަ ގުޅުމެއް އެ ދެ ޕާޓީގެ ތެރޭގައި އޮތުމަތީ ގާތްކަމެއް ކަމަށްވެސް ސިޔާސީ ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުން ރަނގަޅު ނޫންކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރާކަން ހާމަކޮށްފައިވާތީ އުފާ ކުރައްވާ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
ސީދާ ރައީސް ޔާމީނާއި ގާސިމް މަޝްވަރާއެއް ނުކުރައްވާ: ޕީޕީއެމް ކޯލިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ