ސުއޫދުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ރާއްޖެ ޓިވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ އިތުބާރު ކުރެވޭ ފަނޑިޔާރުންތަކެއް ނޫންކަމަށާއި، އެ އެންމެން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ، އެ ހުކުމް ފަހެއް ފެބްރުއަރީގައި ބަދަލުކުރުމާ، މިކަންކަމަށް ބަލާއިރު، އެބޭފުޅުންގެ އިތުބާރު ވަރަށްބޮޑަށް ގެއްލިފައި ވާކަމަށެވެ. އަދި އެ ހުކުމްގައި ސޮއިކުރެއްވި ފަނޑިޔާރުން ޖެހިގެން އައި ދުވަހު، އެ ހުކުމްގައި ސޮއިކުރެއްވީ ނުފޫޒެއްގެ ދަށުވެގެން ކަމަށް ވިދާޅުވުމުން، އެބޭފުޅުންގެ ގާބިލް ކަމާ މެދު ބަލާ ދިރާސާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
އެކަމަކު ކުއްލިއަކަށް ހުރިހާ ފަނޑިޔާރުން ވަކިކުރުމާ އޭނާ ދެކޮޅު ހައްދަވާ ކަމަށާއި އެކަން ކުރަން ޖެހޭނީ ވަކި ޕްރޮސެސްއެއްގެ ތެރެއިން ވަރަށް ހާމަކަން ބޮޑުކަމާއެކު ހުޅުވާލެވިފައިވާ މޭރުމަކުން ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބެލުމާށް ނިންމާފައިވަނީ ކޯޓު ހުރުމަތް ރައްކާތެރިކުރުމާބެހޭ ގާވާއިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގާވާއިދުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ