މަނަދޫ ދާއިރާގެ އެމް.ޑީ.އޭ ކެނޑިޑޭޓު، ޕީ..އެން.ސީ ކެނޑިޑޭޓަށް ތާޢީދުކުރައްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމް.ޑީ.އޭގެ ޓިކެޓުގައި މަނަދޫ ދާއިރާ އަށް ވާދަކުރަވަން ނިންމެވި، އިބްރާޙިމް އަސްލަމް، އެ ދާއިރާއަށް ޕީ.އެން.ސީ ގެ ޓިކެޓުގައި ވާދަކުރައްވާ ޙުޞްނީ މުބާރިކަށް ތަޢީދު ކުރައްވަން ނިންމަވައިފިއެވެ.
އަސްލަމް މިގޮތަށް ނިންމެވިކަން އިޢުލާން ކޮށްފައިވަނީ އޭނާ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައެވެ.
"2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ވާދަކުރަން ނިންމި ނިންމުން، އަނބުރާ ގެނައުމަށްފަހު، ޕީ.ޕީ.އެމް، ޕީ.އެން.ސީ ގެ ފަރާތުން މަނަދޫ ދާއިރާ އަށް ވާދަކުރައްވާ ކެނޑިޑޭޓު، ޙުޞްނީ މުބާރިކް އަށް ތާޢީދު ކުރުމަށް އަޅުގަނޑު ނިންމައިފިން." އަސްލަމުގެ އެފް.ބީ ޕޯސްޓުގައި ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ، އެއީ އެ ދާއިރާގެ ރައްޔިތުންނަށް އެންމެ މަންފާ ކުރާނެ ގޮތް ކަމަށް ޤަބޫލުކުރާ ކަމަށާއި، އޭނާ އަށް ތާޢީދު ކުރާ ހުރިހާ ބޭފުޅުންވެސް ޙުޞްނީ އަށް ތާޢީދު ކޮށްދިނުމަށް އެދޭ ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މަނަދޫ ދާއިރާ އަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވަނީ ޖުމްލަ ހަތަރު ބޭފުޅުންނެވެ. އެއީ އެމް.ޑީ.ޕީގެ ފަރާތުން އަޙުމަދު ހާރޫން އާއި، ޕީ.އެން.ސީ ގެ ފަރާތުން ޙުޞްނީ މުބާރިކް އާއި، އެމް.ޑީ.އޭ ގެ ފަރާތުން އިބްރާހިމް އަސްލަމްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ، މުޙައްމަދު ޙަލީމު އެވެ.
މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ