ކުރީގެ އީޕީއެސް ހުރި ބިމުގައި އަރަބިއްޔާ ސްކޫލް އަޅަން ނިންމައި، އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އަންނަ މަހު އެޑިއުކޭޝަނުން އިއުލާންކުރަނީ

ކުރީގެ އީޕީއެސް ސުކޫލް ހުރި ބިމުގައި އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް އެޅުމަށް ނިންމާ އަންނަ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ މުހަންމަދު ޔޫސުފް މިއަދު ވިދާޅުވީ ކުރީގެ އީޕީއެސް ހިންގި މއ.ޗާންދަނީގޭގައި އަރަބިއްޔާ ސުކޫލް އެޅުމަށް ނިންމާފައިވާކަމަށާއި މިހާރު އެބިން ސާފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ.
"އަންނަ ފެބުރުއަރީމަހުގެ ކުރީކޮޅު އަޅުގަނޑުމެން ޓެންޑާ އަށް ފޮނުވާނަން އަރަބިއްޔާ ސުކޫލު އެޅުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް. އެކަންތައް ދެން ވަރަށް ބާރަށް ކުރިއަށްދާނެ،" ޔޫސުފް ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު އެޑިޔުކޭޝަނުން ވަނީ ކުރީގެ އީޕީއެސް ސުކޫލް ނުވަތަ އަމީނިއްޔާ ސްކޫލް ކުރިމަތީގައި ހުންނަ މއ.ޗާންދަނީގޭގައި މިހާރު ހުރި ސެންޓާ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން ހުރި އިމާރާތް ތަޅާލައި އެ ބިން ސާފުކުރާނެ ފަރާތެއް ހޯދުމަށް އިއުލާންވެސް ކޮށްފަ އެވެ.
މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓާ ޝިފާ މުހަންމަދު ވިދާޅުވެފައިވަނީ ކުރީގެ އީޕީއެސް ސްކޫލް ހުރި ބިމުގައި އަރަބިއްޔާ ސުކޫލް އެޅުމަށް ކުރެހުންތައް ކުރަހަން ފަށާފައިވާ ކަމަށާއި ނަމަވެސް އެތަނުގައި ސްކޫލް އެޅޭނީ ވެސް ރައީސް މުހައްމަދު ނަޝީދު އެކުލަވާލައްވާފައިވާ ކޮމެޓީން ގޮތެއް ނިންމުމުން ކަމަށެވެ.
އަރަބިއްޔާ މައްސަލައިގައި ރައީސް އެކުލަވާލައްވާފައިވާ ކޮމެޓީން އަރަބިއްޔާގެ އައުއިމާރާތް އެޅުމަށް ނިންމެވާފައިވޭތޯ ޕްރެސް ސެކްރެޓަރީގެ އަރިހުގައި ދެންނެވުމުން ޒުހައިރު ވިދާޅުވީ އެ ކޮމެޓީގެ ތަރުޖަމާނަކީ އެޑިޔުކޭޝަން މިނިސްޓަރު ކަމަށެވެ. ނަމަވެސް، މިނިސްޓަރު ޝިފާ އަށް ގުޅިއިރު އޭނާގެ ފޯނު ނިއްވާލާފައި އޮތުމުން ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
އެކަމާ ގުޅޭގޮތުން އަރަބިއްޔާގެ ބެލެނިވެރިންގެ ސްޓިއަރިން ކޮމެޓީގެ މެންބަރު ސުލައިމާން ހަސަން މިއަދު ވިދާޅުވީ، ކުރީގެ އީޕީއެސް ހުރި އިމާރާތަކީ އެތައް ގޮތަކުން ކުޑަ ބިމެއް ކަމަށާއި އެ ބިމުގައި އަރަބިއްޔާ އެޅުމަކީ އެއްގޮތަކަށްވެސް ހިންހަމަ ޖެހޭ ކަމެއް ނޫންކަމަށެވެ.
"އެއީ އެތައް ތަނެއް ކުޑަ ބިމެއް. އެކަމުގައި އެއްގޮތަކަށްވެސް އާނއެކޭ ނުބުނެވޭނެ،" ސުލައިމާން ވިދާޅުވި އެވެ.
އަރަބިއްޔާ ސުކޫލްގެ އައު އިމާރާތް ކުރިން އެޅުމަށް ނިންމާފައިވަނީ ކުރިންވެސް އެ އިމާރާތް ހުރި ބިމުގަ އެވެ. އެހެންނަމަވެސް ފަހުން އެ ބިން ވަނީ ސަރުކާރުގެ ބޭނުމަކަށް ނަގައި، އެހެން ތަނަކު އަރަބިއްޔާ ސުކޫލު އަޅާ ގޮތަށް ހަމަޖައްސައިފަ އެވެ.
އަރަބިއްޔާ ސްކޫލުގެ ކުދިން މިހާރު ކިޔަވަމުން ދަނީ ކުރީގެ އެމްއީއެސް އަދި މިހާރުގެ މަންދު ކޮލެޖުގަ އެވެ. މިއަހަރު އަރަބިއްޔާއަށް އަލަށް ވެއްދުމަށް ފޯމް ހުށަހެޅި 130 އަށް ވުރެ ގިނަ ކުދިންގެ ތެރެއިން ސްކޫލުގެ ޖާގައިގެ ދަތިކަން ހުރި ގޮތުން، ސްކޫލަށް ވައްދާފައިވަނީ އެންމެ 30 ކުދިންނެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ހައްގުތަކެއް ގެއްލޭ ކަމަށް ބުނެ އެ ކުދިންގެ ހައްގުތަށް ހޯދުމަށް އަރަބިއްޔާ ބެލެނިވެރިން ވަނީ އެ މައްސަލަ މިހާރު ސިވިލް ކޯޓަށް ވައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ