ދިރާސީ އާ އަހަރު ފެށެންވާއިރަށް ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ގްރޭޑް އެކަކުން ހަތަކަށް ގުރުއާން ޓީޗަރުން ހަމަކުރުމަށް ހިމަނައި އެޑިއުކޭޝަން މިނިސްޓްރީގެ 100 ދުވަހުގެ ލަނޑުދަނޑި އިއުލާންކޮށްފި އެވެ.
"އެންމެ ކުއްޖަކުވެސް ބާކީއެއް ނުކުރާނަން" މި ޝިއާރުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތައް އިއުލާންކުރީ މިއަދު ހަވީރު ސަލްޓަންޕާކްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ 100 ދުވަހުގެ ލަނޑުދަނޑިތައް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ތައުލީމީ ދާއިރާއިން ރައްޔިތުންނަށް ކޮށްދޭނެ ގިނަ ކަންކަން ހާމަކޮށްފަ އެވެ.
މިކަންކަން އިއުލާން ކޮށްދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ވިދާޅުވީ، 2014 ވަނަ އަހަރު ސުކޫލްތަކުގައި ދިވެހި ބަހާއި ގައުމިއްޔަތާއި ސަގާފީ ކަންކަމަށް ދަރިވަރުން ހޭލުންތެރި ކުރުވުމަށް އަމާޒުކޮށްގެން ޕްރޮގްރާމެއް ފަރުމާކޮށްގެން ހިންގަން ފަށާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ލައިފް ސްކިލްސް ޕްރޮގްރާމް ހިންގަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ސުކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ސެން ޔުނިޓް ގާއިމުކުރުމާއެކު، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސްޕެޝަލައިޒްޑް ދެ ޔުނިޓެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ސޯޝިއޮލޮޖީ ކިޔަވައިދިނުން ތައާރަފުކުރުމަށްޓަކައި އަޖުމަ ބެލުމުގެ ގޮތުން ހޮވާލެވޭ ސުކޫލުތަކެއްގައި ސާނަވީ ގްރޭޑްތަކުގައި އެ މާއްދާ ކިޔަވައިދޭން ފަށަންވެސް ވަނީ ނިންމާފަ އެވެ.
ވަޒީފާއާ ތަމްރީނުގެ ފުރުސަތުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކެމްޕެއިނެއް ފެށުމަށް ނިންމާފައިވާކަންވެސް މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ހާމަކުރެއްވި އެވެ.
މީގެ އިތުރުން އެޑިއުކޭޝަންގެ ލަނޑުދަނޑިތަކުގެ ތެރޭގައި، އޭލެވެލްގެ ތިން މާއްދާއިން ފާސްވާ ދަރިވަރުންގެ މައުލޫމާތު އެއްކޮށް، 2014 ވަނަ އަހަރު ދަރިވަރުންނަށް ރާއްޖެއާ ރާއްޖެއިން ބޭރުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލުމާއި، މުދައްރިސުންގެ ފަންނީ މިންގަނޑު އިއުލާން ކުރުމާއި، ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ އެކުލަވާލާ ފާސްކުރުން ހިމެނެ އެވެ. އަދި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސުކޫލްތަކުގައި ހެލްތު އެސިސްޓެންސް ހިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ 100 ދުވަހުގެ ލަނޑުދަނޑީގެ ތެރޭގައި މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ތައްޔާރުވަމުންދާ ހަތަރު ކަމެއް ވަނީ ހިމަނާފަ އެވެ.
މީގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސުކޫލެއްގައި 2014 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ގްރޭޑް އެކަކުން ހަތަކަށް ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމާއި، ރާއްޖޭގެ ސުކޫލްތަކުގައި ސިވިކް އެޑިއުކޭޝަން ނުވަތަ މަދަނީ ތައުލީމް ތައާރަފުކުރުން ހިމެނެ އެވެ. އަދި މާލޭގައި ކިޔަވާ ދަރިވަރުންނަށް ހަ ދާއިރާއަކުން ތަމުރީނުވުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިޓެކްނިކުން ފަހިކޮށްދިނުމާއި، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުން ވަޒީފާއިން ވަކިވެގެން އިތުރަށް ކިޔަވާ މުއްދަތުގައި މުސާރައާ އެއްވަރުގެ އެލަވަންސެއް ހަމަޖެއްސުން ވެސް ހިމެނެ އެވެ.
ތައުލީމީ ދާއިރާގެ 100 ދުވަހު އަމާޒުތައް ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ