އައިޑީޕީގެ ނަން ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިނުކުރި މައްސަލަ އުމަރު ހައިކޯޓަށް ހުށަހަޅުއްވައިފި

އައިޑީޕީގެ ނަން ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިނުކުރި މައްސަލަ އެ ޕާޓީ އުފެއްދި އަދި އެ ޕާޓީގެ ކުރީގެ ރައީސް އުމަރު ނަސީރު ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ.
އައިޑީޕީ އުވާލެއްވުމަށް ފަހު، އެންމެ ބޮޑު އިދިކޮޅު ޕާޓީއާ ގުޅިވަޑައިގެންފައިވާ އުމަރު އިއްޔެ ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އައިޑީޕީ އުވާނުލެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެކަން ގަބޫލްނުކުރައްވާ ކަމަށާއި އެ ނިންމުމަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ކުރިން ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން، ސިޔާސީ ޕާޓީއެއް އުވާލުމުގެ ބާރެއް ކޮމިޝަނަކަށް ނޯންނާނެ ކަމަށާއި ޕާޓީ އުވާލި ކަމަށް އެ ޕާޓީއަކުން ނިންމުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތަކީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ޕާޓީގެ ނަން އުނިކޮށް އެކަން އިއުލާންކުރުން ކަމަށެވެ.
އައިޑީޕީގެ ނަން އުނިނުކުރި މައްސަލަ ހުށަހަޅުއްވައިފައި އޮތް ކަމަށް ހައިކޯޓުން މިއަދު ކަށަވަރުކޮށް ދިނެވެ. ނަމަވެސް އެ މައްސަލަ ބަލަން އަދި ނުނިންމާ ކަމަށް ވެސް ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އައިޑީޕީ އުވާލި ކަމަށް ބަޔާންކޮށް އެ ޕާޓީން ހުށަހެޅި ހުށަހެޅުންތަކުގައި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށެވެ. އެ ގޮތުން އައިޑީޕީ އުވާލުމުގެ މަރުހަލާގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމާއި ޕާޓީގެ ކުއްލި ކޮންގްރެސްގެ ގާނޫނީ އަދަދު ހަމަނުވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެހެންކަމުން އައިޑީޕީގައި ތިބި 5،384 މެމްބަރުންގެ ހައްގަށާއި މަސްލަހަތަށް ރިއާޔަތްކޮށް ބަލާއިރު، ސިޔާސީ ޕާޓީގެ ދަފްތަރުން އައިޑީޕީގެ ނަން އުނިކޮށްދެވެން ނެތް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވި އައިޑިޕީގެ ކުއްލި ކޮންގްރެސް އިން އެ ޕާޓީ އުވާލިކަމަށް ފާސްކުރީ ކޮންގްރެސް އަށް ހާޒިރުވި 29 މެމްބަރުންގެ ތެރެއިން 28 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އައިޑީޕީ އުފެއްދީ 12 ޑިސެމްބަރު 2005ގަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވަނީ ޕާޓީގެ ނަން ދަފްތަރުން އުނިކުރެވޭނީ އެ ޕާޓީއެއްގެ އަސާސީ ގަވާއިދުގައި ޕާޓީ އުވާލުމަށް ކަނޑައަޅާފައިވާ އުސޫލުން އެ ޕާޓީއެއް އުވާލައިފި ނަމަ ނުވަތަ އެ ޕާޓީއެއްގެ ހަރަކާތްތެރިވުމަކީ މަނާކަމެއްގައި ހައިކޯޓުން ކަނޑައެޅުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ