ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބިމުގެ މައްސަލަ: 5،000 އަކަފޫޓަށް ވުރެ އިތުރަށް އޮތް ބައި ދޫކުރީ އިމާރާތްކޮށް ނިމެންދެއް

ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް އަމީނީ މަގުން އިންފޮމޭޝަން ޑިޕާޓްމަންޓުގެ ކުރިމަތިން ދީފައިވާ 5،000 އަކަފުޓޫގެ ބިމުގެ، އިތުރަށް އިރުމައްޗަށް އޮތް ބަޔަކީ އިމާރާތްކޮށް ނިމެންދެއް އިމާރާތްކުރާ ތަކެތި ބެހެއްޓުމަށް ލިބިފައިވާ ވަގުތީ ބިމެއް ކަމަށް އެޖަމިއްޔާ އިން ބުނެފި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަށް ވެސް ސަރުކާރުން މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ވަނީ ކޮންމެ ޖަމިއްޔާއަކަށް 5،000 އަކަފޫޓުގެ ބިމެކެވެ. ނަމަވެސް ޖަމިއްޔާ އަށް ފުރަތަމަ ދޫކުރި ބިމުގެ އިރަށް، 15 ފޫޓް ފުޅާ މިނުގައި އޮތް، ގާތްގަނޑަކަށް 1،000 އަކަފޫޓް ވަރުގެ ބިމެއް މިހާރު އޮތީ ޖަމިއްޔާގެ ބިމާ ގުޅިފަ އެވެ. އެ ތަނުގައި އެންމެ ފުރަތަމައިނުންސުރެ އޮތީ ޓިނު ފުރާލެއް ލައިފައިވާ ފެންޑާއެއް ކަހަލަ ތަނެކެވެ.
ދެވަނަ ފާޓީއެއްގެ ގޮތުގައި ޖަމިއްޔާގެ ބިން މއ. ބޭރުމަތީގެ އިބްރާހިމް އަހުމަދުގެ އަތުން ކުއްޔަށް ހިފާފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން (އެމްޑީޕީ) ން މިހާރު ދަނީ، ޖަމިއްޔާގެ ބިމުގައި ހަދާ ކެމްޕެއިން ހަރުގެއާ އެކު އިރުމަތީ ފަރާތުގައި އޮތް ފެންޑާގައި އޮފީހެއް ކަހަލަ ތަނެއް ވެސް ހަދަމުންނެވެ.
ޖަމިއްޔާގެ ބިމުގެ އިތުރަށް އޮތް ބަޔާ ބެހޭ ގޮތުން ސުވާލު ކުރުމުން، މާލޭ މުނިސިޕަލްޓީގެ އޮފިޝަލަކު ވިދާޅުވީ ޖަމިއްޔާ އަށް ދޫކޮށްފައި އޮންނާނީ ޖަމިއްޔާގެ ބިން އެކަނި ކަމަށެވެ. އިތުރަށް އޮތް ބައިގެ ތަފްސީލެއް މުނިސިޕަލްޓީން ސާފެއް ނުވި އެވެ.
ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިސްމާއިލް އާސިފް ވިދާޅުވީ ޖަމިއްޔާގެ އިމާރާތް އެޅުމަށް ސަރުކާރުން ދޫކޮށްފައި ވަނީ 5،000 އަކަފޫޓުގެ ބިމެއް ކަމަށާއި ނަމަވެސް، އިމާރާތް ހަދާ ނިމެންދެން ތަކެތި ބެހެއްޓުމަށް އެ ބިމާ އިންވެގެން އިތުރު ބިންކޮޅެއް ދީފައިވާ ކަމަށެވެ.
"އެ ތަންކޮޅަކީ އެހެން ވެސް ފަރާތްތަކަށް ދޭ ގޮތަށް އިމާރާތްކޮށް ނިމެންދެން ބޭނުން ކުރުމަށް ދިން ބިންކޮޅެއް. މިވަގުތު އެ ބިންކޮޅު ދޫކޮށްލައިފިއްޔާ އިމާރާތް ކުރަން ބޭނުންވާއިރު އެ ބިމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އާސިފު ވިދާޅުވީ އިމާރާތް ހެދޭނެ މަގު ފަހިވަންދެން، ޖަމިއްޔާގެ ބިން އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައި ވަނީ ވެސް ތަކެތި ބެހެއްޓުމަށް ދޫކޮށްފައިވާ ބިމާ އެކުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ