ކްރިމިނަލް ކޯޓުގެ އިސް ގާޒީ ސުލޫކީ މިންގަނޑާ ހިލާފުވި ކަމަށް ޖޭއެސްސީން ނިންމައިފި
ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް އެ ކޮމިޝަނުން ނިންމީ، މީޑިއާގައި އޭނާ "ދެއްކެވި ކަމަށް ބުނާ" ވާހަކަތަކެއްގެ މައްސަލަ ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް އެ ވާހަކަތަކުގެ ތަފްސީލެއް އާދަމް މުހައްމަދު ނުދެއްވަ އެވެ. "ކޮމިޝަނުގެ އަޣްލަބިއްޔަތުން އެކަން ސާބިތުވާ ކަމަށް ނިންމީ. ނަމަވެސް އަޅާނެ ފިޔަވަޅެއް އަދި ނުނިންމާ،" އާދަމް މުހައްމަދު ވިދާޅުވި އެވެ. މިއަދުގެ ބައްދަލުވުމަށް ކޮމިޝަންގެ 10 މެމްބަރުން ވެސް ވަޑައިގެންނެވި ކަމަށް އާދަމް މުހައްމަދު ވިދާޅުވި އެވެ. ޖޭއެސްސީގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ހުށަހެޅުއްވި އެ މައްސަލަ ކޮމިޝަނުން ބަލަމުން ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ވެލެޒިނީ ވިދާޅުވީ އެ މައްސަލައަކީ ބޭންކް އޮފް މޯލްޑިވްސް އަށް ވަނުމުގެ އަމުރު ކްރިމިނަލް ކޯޓުން ފުލުހުންނަށް ނުދެއްވައި، ދި ޓީވީ އަށް އަބްދުﷲ ގާޒީ ދެއްވި އިންޓަވިއުއެއްގައި ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑާ ހިލާފު އަދި ފަނޑިޔާރުގޭގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް އޭނާ ދެއްކެވީތީވެ ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ. "ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ޖެހިފައިވާ މީހެއްކަން އޭނާގެ އަމަލުންނާ ބަހުން ވެސް ސާބިތުވެގެން ނުވާނެ. އެކަމުގެ ސަބަބުން ފަނޑިޔާރުންނަށް އޮންނަ އިތުބާރު އަދި ފަނޑިޔާރު ގޭގެ އިތުބާރު ގެއްލޭ. އެފަދަ ކަމެއް އަބްދުﷲ ގާޒީ ކުރެއްވީ. އެހެންވީމާ މި މައްސަލައަކީ އަބްދުﷲ ގާޒީ ފަނޑިޔާރު ކަމުން ވަކިކުރަންޖެހޭ ވަރުގެ ކަމެއް،" ވެލެޒިނީ ވިދާޅުވި އެވެ. މިކަމާ ގުޅޭ ގޮތުން އަބްދުﷲ ގާޒީ ވިދާޅުވީ އޭނާއާ ބެހޭ ގޮތުން ޖޭއެސްސީން ކަމެއް ނިންމިކަން އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ ވާހަކަތަކެއް މީޑިއާ އިން އިވެމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ