މަދަނީ އިއްތިހާދުގައި އިސްކޮށް އުޅުއްވާ އަބްދުﷲ ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވެއްޖެ

މިމަހުގެ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ބޮޑު މުޒާހަރާ" އިންތިޒާމްކުރާ މަދަނީ އިއްތިހާދުގައި އިސްކޮށް އުޅުއްވާ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ހަވީރާ ވާހަކަދައްކަވަމުން އަބްދުﷲ މިރޭ ވިދާޅުވީ އޭނާ ހައްޔަރުކުރުމަށް ފުލުހުން މިރޭ މަސައްކަތްކުރަމުންދާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އޭނާ އުޅުއްވާ ގެއަށް ފުލުހުން ޗިޓެއް ހިފައިގެން އައި ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
"އަޅުގަނޑު ދިރިއުޅޭ ގެއަށް ފުލުހުން މިރޭ ދިޔަ ކަމަށް އެނގިފައިވޭ. އެ ޗިޓްގައި އަޅުގަނޑުގެ ނަން ނުބައިކޮށް އޮތުމުން އެ ޗިޓާ ހަވާލެއްނުވި. ދެން އެ ނަން ރަނގަޅުކޮށް އަންނާނެ ކަމަށް ބުނެފައި ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރަނީ ދީނަށް ގޮންޖަހާ މީހުން މަރާނެ ކަމަށް ބުނެ މުޒާހަރާގެ ވެބްސައިޓްގައި ޖަހާފައިވާ ޝިއާރުތަކެއްގެ މައްސަލަ ފެންމަތިވެފައިވަނިކޮށެވެ. އަދި ފުލުހުން މިއަދު ބުނީ އެފަދަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ.
އަބްދުﷲ ހައްޔަރުކުރުމާ ގުޅޭ ގޮތުން ފުލުހުންގެ އޮފިޝަލް ސީދާ ޖަވާބެއްނުދެ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި ނަމަ އެކަން ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ