ޝަރީއަތަށް ރައީސް މައުމޫނު ހާޒިރުކޮށްދެއްވަން އަދާލަތުން އެދިފައި ވަނިކޮށް އަޑުއެހުން ނިންމަވާލައްވައިފި

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ށ) ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ހިލާފުވާ ކަމަށް ބުނެ އެމަނިކުފާނަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް އަދާލަތު ޕާޓީން ކުރާ ދައުވާގެ ޝަރީއަތަށް މައުމޫނު ހާޒިރުކޮށްދެއްވުމަށް ދައުވާކުރާ ފަރާތުން އެދިފައި ވަނިކޮށް ސުޕްރީމް ކޯޓުން މައްސަލައިގެ އަޑުއެހުން ނިންމަވާލައްވައިފި އެވެ.
މިއަދު ހެނދުނު އޮތް ޝަރީއަތް ފަށައިގަތުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ މައްސަލައިގެ ޝަރީއަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އޭގެ ފަހުން ޝަރިއަތް ނިންމެވުން އިއުލާނު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މި ޝަރީއަތުގެ އަޑުއެހުން ނިމުނީ ކަމަށެވެ.
މިއަދުގެ ޝަރީއަތަށް ރައީސް މައުމޫނު ހާޒިރުކޮށްދެއްވުމަށް އަދާލަތު ޕާޓީގެ ވަކީލު ޝަހީމް އަހުމަދާއި އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ މުހައްމަދު ޝަހީމް އަލީ ސައީދާއި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވެސް އެދިވަޑައިގަތެވެ. މީގެ އިތުރުން ވެސް ތިން ބޭފުޅަކު ހާޒިރުކޮށްދެއްވުމަށް އެ ފަރާތުން އެދިވަޑައިގަތެވެ. އެއީ އައްޑުވަހުން ރައީސް މައުމޫނާ އިންޓަވިއުކުރި އަބްދުﷲ އަމީނާއި ހުސައިން ފިޔާޒާއި އަބުދުﷲ ހަސީނާއި ރައްޔިތުންގެ މަޖިލިސްގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރިން ކުރެއްވި ދިޔާނާ ސައީދެވެ. އަދާލަތުގެ ވަކީލާއި އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވީ ރައީސް މައުމޫނު ޝަރީއަތަށް ހާޒިރުކުރަންޖެހެނީ "ސިޔާސަތު" ޕްރޮގްރާމްގައި ބުރުގާއާ ބެހޭ ގޮތުން އެމަނިފާނު ދެއްކެވި ވާހަކަފުޅުގެ މަގުސަދާ އޭގެ ނިޔަތް ސާފުކުރުމަށް ކަމަށާއި އަދި އައްޑުވަސް ޓީމު ހާޒިރުކުރަނީ ރައީސް އެ ނޫހަށް ދެއްވި އިންޓަވިއުގައި ބުރުގާއަކީ ވާޖިބު އެއްޗެއް ނޫން ކަމަށް ވިދާޅުވެފައިވާތީ ކަމަށެވެ. ދިޔާނާ ހާޒިރުކުރަން އެދެނީ ބުރުގާ އަކީ ލާޒިމު އެއްޗެއް ނޫން ކަމަށް ދިޔާނާ ގާތުގައި ރައީސް ވިދާޅުވެފައި ވާތީ ކަމަށް އަދާލަތުން ކޯޓުގައި ބުންޏެވެ.
މި ޝަރީއަތުގެ ފުރަތަމަ އަޑުއެހުމެކޭ އެއްގޮތަށް މިއަދުގެ މަޖިިލީހުގައި ވެސް ދައުވާ ލިބޭ ފަރާތް، އިލެކްޝަންސް ކޮމިޝަނުން މާ ގިނަ ވާހަކަތަކެއް ދައްކައިފައެއްނުވެ އެވެ. އޭގެ ބަދަލުގައި އަދާލަތާއި ރައީސް މައުމޫނުގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާ ބޭފުޅުންގެ މެދުގައި ދީނީ ބަހުސެއް ކުރިޔަށްދިޔައީ ކުރީ ދުވަހު ވެސް ދެކެވުނު ވާހަކަތަކުގެ މައްޗަށެވެ.
އިލެކްޝަން ކޮމިޝަނުގެ ވަކީލުންގެ ޓީމުން މުހައްމަދު އިބުރާހިމް ވިދާޅުވީ މައުމޫނަކީ ސުންނަތް ޖަމާއަތުގެ މީހެއްތޯ ބަލައިފައިވާ ކަމަށާއި އެގޮތުން ރައީސްގެ މައްޗަށް އެފަދަ ކަމެއް ޝަރީއަތުން ސާބިތުވެފައިވާކަމުގެ ހުކުމެއް ނެތް ކަމަށެވެ. އެކަން ސާބިތުކުރުމަށް ޖިނާއީ ކޯޓާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ލިޔުން ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަ އަވަހަށް ނިންމައިދެއްވުމަށް ކޮމިޝަނުން އެދޭ ކަމަށާއި މި މައްސަލަ ދިގުލައިގެންދާނަމަ ކޮމިޝަނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
މި ވާހަކަތައް ފިޔަވައި ދެން މުޅިން ވެސް އޮތީ އަދާލަތުގެ ފަރާތުން މުހައްމަދު ޝަހީމް އަލީ ސައީދާއި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ރައީސް މައުމޫނުގެ ފަރާތްޕުޅުން ވަޑައިގެންނެވި ޑރ. އަފްރާޝީމާއި މުހައްމަދު ގުބާދު އަބޫބަކުރުގެ މެދުގައި ދީނީ ބަހުސްތައް ކުރެއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ