ސުޕްރީމް ކޯޓުން ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅަނީ

މިދިޔަ އަހަރު އަމަލު ކުރަން ފެށި އާ ގާނޫނުލް އުގޫބާތަށް ބައެއް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ފާހަގަކޮށް، އެކަން ބަންޑާރަނައިބާ ހިއްސާކޮށްފި އެވެ. ސުޕްރީމް ކޯޓުން، ގާނޫނުލް އުގޫބާތަށް ގެންނަން ފެންނަ ކަމަށް ދެކޭ އިސްލާހުތައް ބަންޑާރަނައިބާ ހިއްސާ ކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި މަލްޓި ސްޓޭކްހޯލްޑަރ ޖުޑީޝަލް ސެކްޓަރ ލޯ ރިފޯމް ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. އެ ބައްދަލުވުމުގައި ދެން ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެޓަރނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އުމަރު ނަސީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް އެވެ. އެ ބައްދަލުވުމުގައި، ލީގަލް ފްރޭމްވޯކްގެ ތެރެއިން މަދަނީ އަދި ޖިނާއީ އަދުލުގެ ނިޒާމް ރިފޯމްކޮށް، ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން މިހާރު އަމަލު ކުރަމުންދާ ގާނޫނުލްއުގޫބާތުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް، އިތުރަށް ގެންނަން ފެންނަ ކަމަށް ސުޕްރީމް ކޯޓަށް ފާހަގަ ކުރެވިފައިވާ އިސްލާހަތައް ބަންޑާރަނައިބު އޮފީހާ ހިއްސާކުރުމަށާއި މިހާރު ގާނޫނުލް އުގޫބާތުގައި އެ އިސްލާހުތައް އިތުރުކުރުމަށް ވަނީ ހުށަހަޅާފަ އެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި ބަންޑާރަނައިބުގެ އޮފީހުން މިހާރު ޑްރާފްޓް ކޮށްފައިވާ މަދަނީ އިޖުރާއަތުގެ ބިލުގެ ތެރޭގައި މިހާރު އަމަލު ކުރަމުންދާ ބައެއް އިޖުރާއަތްތައް ހިމެނިފައި ނުވާތީ، އެ އިޖުރާއަތްތައް ބިލުގައި ހިމެނުމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުން ވަނީ ބަންޑާރަ ނައިބަށް ދަންނަވާފަ އެވެ. އަދި އެ އިސްލާހުތައް ޑްރާފްޓަށް އިތުރުކުރެއްވުމަށް ކަމާބެހޭ ސަބް ކޮމިޓީއަކަށް ފޮނުވުމަށް ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ޝަރުއީ ދާއިރާގެ ކޭސް މެނޭޖްމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިލެކްޓްރޯނިކް ފައިލިންގ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތާ، ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކުރުމަށް ވެސް ގިނަ މަސައްކަތްތައް ސުޕްރީމް ކޯޓުން ކުރަމުން އަންނަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މަލްޓިސްޓޭކްހޯލްޑަރ ޖުޑީޝަލް ސެކްޓަރ ލޯވ ރިފޯރމް ކޮމިޓީ އަކީ ދިވެހިރާއްޖޭގެ ޖިނާއި އަދުލުގެ ނިޒާމާއި މަދަނީ އަދުލުގެ ނިޒާމާއި އާއިލީ އަދުލުގެ ނިޒާމުގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ