ޖެނުއަރީން ފެށިގެން އަތޮޅުތެރޭގެ ސްކޫލް ކުދިންނަށްވެސް ބަސް ހިލޭ

ކުރިއަށް އޮތް ޖެނުއަރީ މަހުން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގެ ސްކޫލްކުދިންނަށްވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ބަހުގެ ޚިދުމަތް ހިލޭ ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޖެނުއަރީ 2022 އިން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ސްކޫލް ކުދިންނަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެމްޓީސީސީގެ އާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެކުންފުނީގެ ފެރީތަކުގައި ސްކޫލް ކުދިންނަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މީގެކުރިންވެސް ހިލޭ ދަތުރުކުރެވެއެވެ.
އަތޮޅުތެރޭގައި މިވަގުތު އެ ކުންފުނިން ބަހުގެ ޚިދުމަތް ދެމުން ދަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު، ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ދޭ ޚިދުމަތެއްގެ ގޮތުގައެވެ.
އެމްޓީސީސީން ބުނީ، އައްޑޫ، ފުވައްމުލަށް އަދި، ލ. އަތޮޅުގެ ފޮނަދޫ، އިސްދޫ އަދި ކަލައިދޫ ގައި ބަހުގެ ޚިދުމަތް ފެށުމަށްޓަކައި އައު ބަސްތަކެއް ހޯދުމުގެ މަސައްކަތް މިވަގުތު ކުރަމުންދާކަމަށާއި، މި އައު ބަސްތައް ލިބުމާއެކު އެ އަތޮޅުތަކުގެ ރަށްތަކުގައިވެސް ބަހުގެ ޚިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ