މ.އަތަމާޕްލާޒާ ވިއްކާލަން ސިވިލް ކޯޓުން އިއުލާންކޮށްފި

ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ދިރިއުޅުއްވި މ.އަތަމާޕްލާޒާ ގެ ނީލަމުގައި ވިއްކާލުމަށް ސިވިލް ކޯޓުން އިއުލާންކޮށްފިއެވެ.
އެ ކޯޓުން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނީ ސިވިލް ކޯޓުގެ ނަންބަރު 1365/Cv-C/2013 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 2084/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސިވިލްކޯޓުގައި ބަލަމުންދާ ސިވިލްކޯޓުގެ ނަންބަރު 3096/Cv-C/2020 ޤަޟިއްޔާއާއި ސިވިލްކޯޓުގެ ނަންބަރު 1079/Cv-C/2019 ޤަޟިއްޔާއާއި ގުޅިގެން، ހުޅުމާލެ. އާފީނިވިލާ / މާލެ އިސްމާޢީލް ޢަބްދުއްލަޠީފް ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. އަތަމާޕްލާޒާ އެވެކިޔާ އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވާ ކަމަށެވެ.
770 އަކަފޫޓުގެ މި ބިމުގައި 9 ބުރީގެ އިތުރުން ޓެރަހެއް ހުންނަ އިމާރާތެއް ހުރެއެވެ. މި ނީލަން ފެށޭ އަގަކީ 15,507,800 ރުފިޔާއެވެ.
މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ވެރިޔާ އިސްމާއީލް އަބްދުލްލަތީފް އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއްކަމަށް ކޯޓަށް ސާބިތުވެފައިވާ ފައިސާ ދެއްކެން އޮތީ އެފަރާތުގެ މިލްކުގައިވާ މ.އަތަމާޕްލާޒާ ޝަރީއަތުން ވިއްކައިގެން ކަމަށް ބުނެ ދައުވާކުރާ ފަރާތުންނާއި ދައުވާ ލިބޭ ފަރާތުންވަނީ އެކަމަށް އެއްބަސްވެފައެވެ. އެއާއެކު ޝަރީއަތުން އެގޮތުގެ މަތިން އެކަން ކުރުމަށް ބެލިއިރު، އެގެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ބެލުމުގެ ދަށުގައިކަމަށް އިސްމާއީލް ވަނީ ބުނެފައެވެ.
މިއާއެކު ޝަރީއަތުން މި ގަޟިއްޔާގެ ތެރެއަށް ޖާބިރު ތަދައްޚުލްކުރިއެވެ.
ތަދައްޚުލްކުރުމަށްފަހު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ޖާބިރު ވަނީ އިސްމާއިލަށް އެއްފަހަރާ ފައިސާ ދެއްކުމަށްފަހު މ.އަތަމާޕްލާޒާ ގަނެފައިވާކަމަށް ބުނެފައެވެ. އަދި އެހެންކަމުން މިހާރު އެތަނަކީ އެބޭފުޅާގެ މުދަލެއްކަމަށް ގަބޫލުކުރާކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
2 ޖޫންގައި ސިވިލް ކޯޓުން އާންމުކުރި ނިންމުމެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި އިސްމާއީލާއި ވާހަކަ ދެއްކުމުގެ ފުރުސަތު ޝަރީއަތުން ޖާބިރަށް ދިނުމުން، މ.އަތަމާޕްލާޒާއަށް އޭނާގެ ހައްގެއްވާކަމަށް ބުނުން ފިޔަވައި ގާނޫނީގޮތުން ހައްގެއް ދަލާލާތުކުރާނެ އެއްވެސް ހެއްކެއް ހުށައަަޅާފައެއް ނުވެއެވެ. އަދި މިގެއަކީ އިސްމާއީލް އަބްދުއްލަތީފްގެ ނަންމަތީ ރަޖިސްޓަރކޮށްފައިވާ ގޯއްޗެއްކަން ރަޖިސްޓްރީންވެސް އެނގެން އޮތްކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
އެހެންކަމުން އެ ގަޟިއްޔާގެ ތެރެއަށް ތަދައްޚުލްކުރެވިފައިވާ ޖާބިރު، ތަޚައްރުޖްކުރުމަށް ސިވިލް ކޯޓުގެ ގާޟީ މަރިޔަމް ވަހީދު ވަނީ ނިންމަވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޖާބިރު ވަނީ މ.އަތަމާޕްލާޒާގެ ބޭރުގައި "ޖާބިރުގެ"ނަމުގައި ނަންބޯޑެއްވެސް އެއް ފަހަރު ހަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި ޖާބިރު މިހާރު ވަނީ އެ އިމާރާތް ހުސްކުރައްވާފައެވެ.
ފޮޓޯ: ސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ