މިއަދުވެސް ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެ، ދަތުރުކުރާއިރު ސަމާލުވޭ

މިއަދުވެސް ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އަންގާ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ވައިޓް އެލަރޓް ނެރެފައިވާ ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް އެ އޮފީހުން ވަނީ ލަފާކުރައްވާފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ހާފިޒް ވިދާޅުވީ، ފާއިތުވި ދެ ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުންކަމަށެވެ. އަދި މިއަދުވެސް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭކަމަށާއި، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ހާފިޒް ވިދާޅުވިއެވެ.
"މިއަދުވެސް ކޮންމެވެސް ވަރަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭ. ބޮޑަށް ބެލެވޭގޮތުގައި ކުރިއަށް މިއޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ. ޚާއްސަގޮތެއްގައި މެދުރާއްޖެތެރެއަށާއި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ދޭތެރެ ދޭތެރެއިން ގަދަވަޔާއެކު ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކުރެވޭ. އަންނަ ހޯމަދުވަހާއި ހަމައަށް ވައި އެވްރެޖްކޮށް ދަމަހައްޓާނެ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް. އެހެންނަމަވެސް ދެކުނުގެ އަތޮޅުތަކަށް އެވަރެޖްކޮށް ވައި އެހާ ބާރެއްނުވާނެ" ހާފިޒް ވިދާޅުވިއެވެ.
މިދުވަސްވަރަކީ ޢީދު ޗުއްޓީއާއެކު ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެއްކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންނާއި، އެމް.އެން.ޑީ.އެފުންވެސް ވަނީ އިލްތިމާސްކުރައްވައެވެ. އަދި ބޯކޮށްވާރޭ ވެހި ފެންބޮޑުވުމާއި، އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއްކަމުން ގޭގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ