ފަރުދުންގެ ވިޔަފާރިއަށް އޮތް އެންމެ ބޮޑު ދައްޗަކީ މާލީ ދަތިތައް: މެމްބަރު ސަނީފް

ފަރުދުންގެ ވިޔަފާރި ކުރަން ބޭނުންވާ މީހާއަށް ލިބޭ އެންމެ ބޮޑު އުނދަގުލަކީ މާލީ ދަތިތައް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ފަރުދުންގެ ވިޔަފާރި ބިލަށް ބަހުސްކުރައްވަމުންނެވެ.
ސަނީފް ވިދާޅުވީ ފަންޑިންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެސްއެމްއީ ބެންކުން ގިނަ ޚދުމަތްތަކެއް ކުރިއަށްގެންދިޔަނަމަވެސް ބީއެމްއެލް އަދި އިސްލާމިކް ބެންކް ފަދަ ތަންތަނުން ފަރުދުންގެ ވިޔަފާރިތަކާ ގުޅުން ހުރި ކަންކަމުގައި އެއްވެސް މަސައްކަތެއް ފައިދާ ހުރިގޮތެއްގައި ނުކުރާ ކަމީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.
ރާއްޖޭގައި ކުދި ވިޔަފާރީގެ ތެރެއަށް މިއަދު ދިވެހިން ވަންނަން ބިރުގަންނަ ކަން ފާހަގަކުރައްވާ މެމްބަރު ސަނީފް ވަނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކުރެއްވި އެންމެ ބުރަ މަސައްކަތަކީ ވޯރާ ވިޔަފާރިވެރިން ދިވެހި ފަސްގަނޑުން ފައްސާލުން ކަމަށް ވިދާޅުވެފައެވެ.
މަނީ ޓްރާންސްފަރގެ ނަމުގަ ވިޔަފާރި ހުޅުވައިގެން ދިވެހިންގެ ނަމުގަ ބޭރު މީހުން ކުރަމުންދާ މަސައްކަތްތަކަށް މެމްބަރު ވަނީ ފާޑުވިދާޅުވެފައެވެ.
އަދި ގާނޫނު ހެދިކަމުގައިވީނަމަވެސް ތަންފީޒުކުރާ އިދާރާތަކުން އެ ގާނޫނުތައް ތަންފީޒުނުކުރެވޭނަމަ ގާނޫނު ހެދުމުގެ ބޭނުން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ހިފިގެން ނުދާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލި ގޮތަށް ބޭރުގެ ފަރާތްތަކަށް ކުދި ވިޔަފާރި ނުކުރެވޭގޮތަށް ސަރުކާރުން ހަދަން ޖެހޭ ކަން ފާހަގަކުރައްވާ މެމްބަރު ސަނީފް ވަނީ ތަންފީޒީ މަރުހަލާއަކަށް މިކަންކަން ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ