ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ސަބަބު ސާފުވެއްޖެ - މައުމޫން

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު، އެއިރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ކުއްލި ނުރައްކާ ހާލަތު އިއުލާނުކުރި ކުރި ސަބަބު ސާފު ވެއްޖެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިތާ އަހަރު ފުރުނު ދުވަހުއެވެ. އެ ދުވަހާއި ގުޅުވައިގެން މައުމޫންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކުއްލި ހާލަތު އިއުލާނުކުރީ ރާއްޖޭގެ ގާނޫނު އަސާސީގެ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތައްވެސް ނަގަލައި އަދުލު އިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައި ކަމަށެވެ.
އޭގެ އިތުރުން ކުއްލި ނުރައްކާހާލަތުގެ އެންމެ ބޮޑު މަގްސަދަކަށް ވެފައި ވަނީ އޭނާ ހައްޔަރުކުރުވުން ކަމަށް ސާފްވެއްޖެކަމަށް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުގެ އަބުރާއި އިއްޒަތް ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުން ފިލުވާލުންކަންވެސް ފާޅުވެގެން ދިޔަ". މައުމޫންގެ ބަޔާނުގައި ވެއެވެ.
މައުމޫންގެ އެ ބަޔާނުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެންމެ ފުރަތަމަ ޖަލަށް ގެންދިޔައީ އެމަނިކުފާނު ކަމަށާއި، އޭގެ ފަހުން ގެންދިޔައީ އެމަނިކުފާނުގެ ދަނބިދަރިކަލުން ނަދީމް އާއި، އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދު ކަމަށެވެ.
މައުމޫން ވިދާޅުވީ، ކުއްލި ނުރައްކާ ހާލަތަށް އަހަރު ފުރޭއިރު، ހާމަވަމުން ދިޔައީ މި އެންމެންގެ ބޮލުގައި އަޅުވަމުންދިޔަ އިލްޒާމްތަކަކީ ދޮގު އިލްޒާމްތަކެއް ކަމަށެވެ.
"ވަކި މީހެއް ވަކި ބައެއްގެ ފައިދާއަށްޓަކައި ގާނޫނުތަކާއި ހިލާފަށް ބާރުގެ ބޭނުންކޮށްގެން އަޅުގަނޑުމެންގެ އަގު ވައްޓާލަންވެގެން ކުރެވުނު ކަމެކެވެ". އެ ބަޔާނުގައި ވެއެވެ.
މައުމޫން ވަނީ، އެ ފަރާތަކަށް އަނިޔާވެރިވި މީހުންނާއި މެދު ފިޔަަވަޅު އެޅުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ