ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯއްދެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގަތުމުން އޭނާ އަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
އަހަރަކަށްވުރެ ގިނަ ދުވަހު ގާސިމް ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު، ރާއްޖެ ވަޑައިގަތުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މަރުހަބާ ދެންނެވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އޭގެ އިތުރުން، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ގާސިމަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ދިޔަ އެވެ.
ގާސިމްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ މެމްބަރު ޑރ. ޝާހު މާހިރާއި ގާސިމްގެ ދެ ދަރިކަލުން ވެސް ރާއްޖެ ވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ސެޕްޓެމްބަރު 6، 2017 ގަ އެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފަހު، އޭނާ ވަކި ހިސާބަކުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އުޅުއްވަނީ ޖަރުމަނުގަ އެވެ.
ގާސިމް ޖަރުމަނުވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމަށް ނިންމެވީ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ. މި ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ކުރިން ވިދާޅުވީ ނުހައްގުން ބަންދުކޮށްފައި ތިބި ބަޔަކު ދޫކޮށްލުމަކީ ޝަރުއީ ނިޒާމް މިނިވަންކަމާ އެކު ހިނގަން ފެށި ކަމުގެ ހެއްކެއް ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާ ރާއްޖެ އިން ބޭރުގައި ހުންނެވީ ބޭސްފަރުވާގެ ކަންކަން ނުނިމިގެންނެވެ. އޭނާ އަކީ އަދިވެސް ގަވާއިދުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ޖަލުގައި ނުހުންނެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވީ، 2015 ވަނަ އަހަރުގެ މޭމަހު މާލޭގައި ބޭއްވި "މޭޑޭ" ބޮޑު މުޒާހަރާ އަށް ފަހު ޖަލު ބަންދުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހުގަ އެވެ.
ގާސިމް ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ